މިދިޔަމަހުން ރާއްޖެއިން ކަންނެލި ބޭރު ކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން 15 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ބޭރުކޮށްފައިވެއެވެ. މި އަދަދު މިއަހަރުގެ އޭޕްރީލްމަހުގެ ހުރީ 26 މިލިއަން ރުފިޔާގައެވެ.
އާއްމުގޮތެއްގައި ރާއްޖެއިން ކޮންމެ މަހަކުވެސް ތާޒާ ކަންނެލިވެސް ބޭރުކުރެއެވެ. އެހެން ނަމަވެސް މިދިޔަމަހު ރާއްޖެއިން އެއްވެސް ވަރަކަށް ތާޒާ ކަންނެލި ބޭރުކޮށްފައި ނުވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއިން ކަންނެލި ބޭރުކޮށްފައިވާ މިންވަރު ދަށްވެފައިމިވަނީ ކަންނެލީގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއްގައެވެ. މިއީ އާއްމުގޮތެއްގައި ކޮންމެ އަހަރެއްގައިވެސް ކަންނެލީގެ މަސްވެރިކަން ދަށް ދުވަސްވަރެކެވެ.
ކަންނެލި ބޭރުކުރި މިންވަރު ދަށްވެފައިވީ ނަމަވެސް މިދިޔަ މަހު ރާއްޖެއިން ކަނޑުމަސް ބޭރުކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 113 މިލިއަން ރުފިޔާގެ ގަނޑުކުރި ކަނޑުމަސް އަދި އެކި ގޮތްގޮތަށް ތައްޔާރުކޮށްފައިވާ 54 މިލިއަން ރުފިޔާގެ ކަނޑުމަސްވަނީ މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައެވެ.
ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަސް އެކްސްޕޯޓުކުރަނީ ތައިލޭންޑަށެވެ. މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައި ޖުމްލަ އަދަދުގެ %58 އިންސައްތަ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ.