03/08/2019,,Scarborough,,North,Yorkshire,,Uk,People,At,Scarborough,Beach,Enjoying

ޑީސެލްގެ އަގު އުފުލުމާއި އެކު އިނގިރޭސިވިލާތުގެ މަސްވެރިންނަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށަށް

ޑީސެލް އަގު އުފުލެމުން ދިޔުމާއި އެކު އިނގިރޭސިވިލާތުގެ މަސްވެރިންނަށް މަހަށް ދިޔުމަށް ދަތިވެފައިވާ ކަމަށް އެޤައުމުގެ މަސްވެރިން ބުނަން ފަށައިފިއެވެ.

ޑީސެލްގެ އަގުތައް އުފުލެމުންދިޔުމާއި އެކު މަހަށް ދިޔުމަށް ކުރަން ޖެހޭ ހޭދަވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މިއާއެކު މަހަށް ގޮސްގެން ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އިނގިރޭސިވިލާތުގައި މަސްވެރިން މަހަށް ދިޔުމަށް ބޭނުންކުރާ ބޯޓު ފަހަރަށް އަޅާ ޑީސެލްގެ އަގު ފާއިތުވީ 8 މަސް ދުވަސްތެރޭ ވަނީ ދެގުނައަށް އިތުރުވެފައެވެ.

މަހަށް ދިޔުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެފައިވާއިރު، މަހުގެ އަގުތައްވެސް ވަނީ އިނގިރޭސިވިލާތުގައި ވަރަށް ބޮޑަށް އުފުލިފައެވެ.

ޖޫލީ އޮފް ލެޑްރަމް ނަމަކަށް ކިޔާ މަސް ބޯޓެއްގެ ކެޕްޓަނެއްް ކަމުގައިވާ ސޯން ބެކް ބުނާގޮތުން، 7 ދުވަހު ކަނޑުމަތީގައި މަސް ބޭނުމަށްފަހު ލިބުނު އާމްދަނީއިން ޙަރަދުތަކަށް ކެނޑުމަށްފަހު ލިބުނީ ކުޑަ ފައިދާއެއް ކަމަށެވެ.

އެގޮތުން ގެއަށް ގެންދަން ލިބުނީ އެންމެ 440 ޕައުންޑު ކަމަށް ސޯން ބުންޏެވެ. މި މަސްބޯޓުގެ ފައިދާ ބަހަނީ، ބޯޓުގެ ވެރި ފަރާތަށް ފައިދާގެ %60، ކެޕްޓަންއަށް %10.5 އަދި ފަޅުވެރިންނަށް %4 އެވެ.

އެހެންކަމުން މިހާރު އާމްދަނީ ދަށްވެފައިވުމުން ފަޅުވެރިންނަށް ލިބޭ ލާރިކޮޅު ވަރަށް ބޮޑަށްވަނީ ދަށްވެފައިކަން ސޯން ފާހަގަކުރިއެވެ.

މިދިޔަ ހަފްތާގައި ސޯންގެ މަސް ބޯޓުން ވަނީ ގިނަ އަދަދަކަށް މަސް ބާނާފައެވެ. އެގޮތުން 87000 ޕައުންޑުގެ މަސް ވަނީ ބާނާފައެވެ. އެހެންނަމަވެސް ބޯޓަށް 40000 ލީޓަރުގެ ޑީސެލް ބޭނުންވެއެވެ. އެހެންކަމުން ޑީސަލްއަށް ކުރަންޖެހޭ ހޭދަވަނީ 20000 ޕައުންޑުން 45000 ފައުންޑަށް އިތުރުވެފައެވެ.

ސޯން ބުނާ ގޮތުގައި މަހަށް ދެވެނީ ކަސްޓަމަރުންވެސް މަހަށް ބޮޑު އަގެއް ދޭން ޖެހުނަސް އެ އަދަދަކަށް ފައިސާ ޙަރަދު ކުރަމުންދާތީ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބައެއް މަސްވެރިން ބުނާގޮތުގައި މަހަށް ގޮސްގެން ލިބޭ އާމްދަނީ އަށްވުރެ ކުރަންޖެހޭ ޙަރަދުތައް މިހާރުވަނީ އިތުރުވެފައެވެ. މިއާއެކު މަހަށް ދިޔުމަކީ މިހާރު އާމްދަނީއެއް ހޯދަން އެކަށީގެންވާ މަސައްކަތެއް ނޫން ކަމަށް ބައެއް މަސްވެރިން ދަނީ ބުނަމުންނެވެ.

އާމްދަނީއެއް ހޯދުމަށް މަސްވެރިކަން ކުރުމުގެ އިތުރަށް ސްޕޯޓްސް ފިޝިންގ ފަދަ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް ވަނީ ޑީސެލްގެ އަގުބޮޑުވުމުގެ ސަބަބުން މަހަށް ދިޔުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!