ފ. ފީއަލީ އައިސްޕްލާންޓުގެ ހިންގުން ފެނަކައާއި ހަވާލުކޮށް އެތަނުން ވީހާވެސް އަވަހަކަށް އައިސް ވިއްކަން ފެށުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ފިޝަރީޒް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން އިއްޔެ ފީއައްޔަށް ކުރެއްވި ދަތުރުގެތެރެއިންނެވެ. މި ދަތުރުގައި ފެނަކަ އަދި މިފްކޯގެ ޓީމެއްވެސްް ބައިވެރިވެފައިވެއެވެ. އެގޮތުން އެރަށުގެ ކައުންސިލާއި އެކު ވަނީ ފީއަލި އައިސްޕްލާންޓް އޮޕަރޭޝަނަލައިޒް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ދަތުރުގައި އައިސްޕްލާންޓް ހިންގުން ފެނަކައާ ހަވާލުކުރުމަށް ކައުންސިލުން އެގްރީމެންޓް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، އައިސްޕްލާންޓްގެ ކޮންޓްރެކްޓަރގެ ޙައިސިއްޔަތުން މިފްކޯއިން ކޮށްފައިވާ މަސައްކަތް ބަލައި، ފެނަކަ އިން ވަނީ އައިސްޕްލާންޓް އިންސްޕެކްޓް ކޮށްފައެވެ.

މި އައިސްޕްލާންޓް ވީހާވެސް އަވަހަށް ހުޅިވައި އައިސް ވިއްކަން ފެށުމަށް ފެށޭ ޖުލައި މަހު އެރަށު ކައުންސިލް އަދި ފެނަކަ އިން އެގްރީމެންޓްގައި ސޮއި ކުރުމަށްވެސްވަނީ އެއްބަސްވެފައިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އައިސްޕްލާންޓުތައް ހިންގަމުންދާއިރު، މިއީ މަސްވެރިން ބާނާ މަސް ތަޒާކަންމަތީ މަސް ގަންނަ ފަރާތްތަކާ ހަމައަށް ގެންދިޔުމަށްޓަކައި މަސްދޯނިފަހަރަށް މުޙިއްމު ސެންޓަރުތަކެކެވެ. ފ. އަތޮޅުގެ އެންމެ މަސްވެރި ރަށަކީ ފީއަލި ކަމުގައިވާއިރު، އެރަށުގައި އައިސް ޕްލާންޓެއްގެ ޙިދުމަތް ފެށިގެން ދިޔުންވެގެންދާނީ އެހިސާބުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށެވެ.