9971DA85-5F89-4704-ACF9-D933C4C2E6A7

އުކުޅަހު ފަޅުތެރެއިން ދާ ޖަހައިގެން މަސް ހިފުން މަނާކޮށްފި

ރަށުގެ ފަޅުތެރޭގެ އެއްވެސް ސަރަޙައްދަކުން، ދާ ޖަހައިގެން ނުވަތަ ދައު އަޅައިގެން މަސް ހިފުން މަނާކޮށް އއ. އުކުޅަހު ފަޅުގެ ސަރަޙައްދުގައި މަސްވެރިކަން ކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު އާއްމުކޮށްފިއެވެ.

އއ. އުކުޅަހު ކައުންސިލުން އެކުލަވާލަވާލާފައިވާ މި ޤަވާއިދު މިހާރުވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.
އުކުޅަހު ފަޅުގެ ސަރަޙައްދުގައި މަސްވެރިކަން ކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދުގައިވާގޮތުން އެ ރަށުގެ ފަޅުތެރޭގެ އެއްވެސް ސަރަޙައްދަކުން، ދާ ޖަހައިގެން ނުވަތަ ދައު އަޅައިގެން މަސް ހިފުން މަނާކުރުމުގެ އިތުރަށް ބައެއް އެހެން ގޮތްގޮތަށް މަސް ހިފުންވެސް ވަނީ މަނާކޮށްފައެވެ.

އެގޮތުން ރަށުގެ ފަޅުތެރޭގައި، އަންނަނިވި ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ވެސް މަނާ ކަމެކެވެ.
- ބޮޑުދަލުގެ މަސްވެރިކަން
- އޮޔާދާ ދަލުގެ މަސްވެރިކަން
- ދަމާ ދަލުގެ މަސްވެރިކަން
- ބުޅިފަތި ނުވަތަ ބުޅި އަޅުވައިގެން މުށިމަހުގެ މަސްވެރިކަން ކުރުން
- އެއްވެސް ބާވަތެއްގެ ވިހައެއް ނުވަތަ ކެމިކަލެއް ބޭނުންކޮށްގެން ކަނޑުގެ ދިރުމެއް ނެގުން ނުވަތަ ބޭނުން
- މަސްމަރާ ބަޑި ބޭނުންކޮށްގެން މަސްވެރިކަން ކުރުން
- ފިލިޖަހައިގެން ނުވަތަ ދިރޭއެން ނުވަތަ މުޅަ އެން ބޭނުންކޮށްގެން މުށިމަސް ބޭނުން

މި ޤަވާއިދުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ، ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 500 ރ. އާއި 1000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1000ރ އާއި 3000ރ. އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރާނެއެވެ. އަދި ކުށް އިތުރަށް ތަކުރާރުކޮށްފި ނަމަ، 3000ރ އާއި 5000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށާއި، އަދި ފަސްވަނަ ފަހަރަށްވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -5000ރ އިން ޖޫރިމަނާކުރެވޭނެ ކަމަށް އުކުޅަހު ކައުންސިލުން ހާމަކުރެއެވެ.

މި ގަވާއިދުގެ މަގުސަދަކީ، މަސްމަހާމެހީގެ ދިރުންތަކާއި އެ ތަކެތީގެ މާޙައުލު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމެވެ. އަދި މީގެ އިތުރުން، ކަނޑުގެ ތެރެއަށް ގެއްލޭ ނުވަތަ ދ ކޮށްލާ އާލާތްތަކުގައި ހިފޭ މަހާއި، އަމާޒުނުކުރާ މަހުގެ ބާވަތްތަކާ ގުޅުންހުރި ނުވަތަ ބަރޯސާވާ ބާވަތްތައް، އަދި ޚާއްޞަކޮށް ނެތިހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ބާވަތްތަކާއި، ޙިމާޔަތްކޮށްފައިވާ ބާވަތްތައް ހިފޭ މިންވަރު މަދުކުރުމަށް ފިޔަވަޅުތައް އެކަށައެޅުމާއި، ތިމާވެށްޓާ ރައްޓެހި މަސްވެރިކަމުގެ އާލާތްތަކާއި އުކުޅުތައް ތަރައްޤީކޮށް ކުރިއަރުވައި، މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާޙައުލު ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ޓަކައި، އެކަށީގެންވާ މިންވަރެއްގައި މަސްވެރިކަން ކުރާކަން ކަށަވަރު ކުރުމަށް ޓަކައި އުސ ލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!