0_Common-octopus-Octopus-vulgaris

70 އަހަރަށްފަހު، އިނގިރޭސި ކަނޑުތަކުން ބޯވަ ފެންނަ މިންވަރު އިތުރުވެއްޖެ

70 އަހަރަށްފަހު އިނގިރޭސިވިލާތުގެ ކަނޑުގެ ސަރަހައްދުން ބޯވަ ފެންނަ މިންވަރު އިތުރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކޯންވޯލްގެ ކަނޑުގެ ސަަރަޙައްދުން ބޯވަ ފެންނަ މިންވަރު އިތުރުވެފައިވާއިރު، ކަމާއިގުޅޭ މާހިރުން ދެކޭގޮތުން މިއީ ބޯވައިގެން 'ބަމްޕާ އިޔަރ' އެކެވެ.

ފީނާ މީހުންނާއި ޑައިވް ކުރާ މީހުންދަނީ ބޯވަ ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް ރިޕޯޓު ކުރަމުންނެވެ.

އަދި މަސްވެރިއެއް ވަނީ އެއް ދުވަސްތެރޭ 150 ބޯވަ ހިފާފައެވެ. މިއީ އާއްމުގޮތެއްގައި އޭނާއަށް އެއް އަހަރުން ނޫނީ 2 އަހަރުގެ ތެރޭ މުޅި ޖުމްލަ ހިފޭ ބޯވައިގެ އަދަދެވެ.

އިނގިރޭސި ކަނޑުތަކުން ބޯވަ ފެންނަ މިންވަރު މިފަހުންވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެން ނަމަވެސް މިހާރު ބޯވަ ފެންނަ މިންވަރު އިތުރުވެ، " ޕޮޕިއުލޭޝަން ބޫމް" އެއްް އައިސްފައިވާއިރު، މިފަދަ ބޫމެއް އެންމެ ފަހުން ރެކޯޑުކުރެވިފައިވަނީ މީގެ 70 އަހަރު ކުރިންނެވެ.

މެރިން ކޮންސަރވޭޝަން އޮފިސަރއެއް ކަމުގައިވާ، މެޓް ސްލޭޓާ ބުނާގޮތުގައި، ސީސަރޗު ޑައިވަރސްއިންގެ ފަރާތުން ބޯވަ ފެނިގެން ރިޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިއީ ވަރަށް އުފާވެރި ޙަބަރެއް ކަމަށެވެ. މީގެ ކުރިން ޑައިވިންއަށް ދާ މީހުންނަށް ބޯވަ އެއް ފެނުމަކީ ނާދިރު ކަމެއް ކަމަށާއި، އެހެން ނަމަވެސް މިހާރު ޑައިވިންއަށްދާ މީހުންނަށް ކޮންމެ ޑައިވެއްގައިވެސް ގިނަ އަދަދެއްގެ ބޯވަ ފެނިގެން ރިޕޯޓުކުރާ ކަމަށް މެޓު ބުނެއެވެ.

ކޯންވޯލް ވައިލްޑްލައިފް ޓްރަސްޓުއިން ދެކޭގޮތުގައި ބޯވައިގެ އާބާދީ އިތުރުވެފައިމިވަނީ ކަނޑުގައި އެކަށީގެންވާ ހާލަތްތަކެއް ޤާއިމްވެފައިވުމުންނެވެ. އެގޮތުން ބޯވައަކީ އާއްމުކޮށް 100000 އާއި 500000 ބިސް އެއް ފަހަރާއި އަޅާ އެއްޗަކަށްވާއިރު، ބިސް ފީވެ ކުދި ބޯވަތައް ކަނޑަށް ދޫވެގެންދެއެވެ. އަދި ކަނޑުގެ އޮޔާއި އެކު އެކި ހިސާބުތަކަށް ކުދި ބޯވަތައް އެކި ހިސާބުތަކަށް ދެއެވެ.

އަދި އެކަނި ކުދި ބޯވަތައް އުޅެވޭނެ މާހައުލެއް ޤާއިމްވެފައި ނުވާ ނަމަ ބޯވަތައް މަރުވެއެވެ. އަދި ރަނގަޅު މާހައުލެއް ޤާއިމްވެފައިވާނަމަ ކުދި ބޯވަތައް، ބޮޑުވުމުގެ ފުރުސަަތު އޮވެއެވެ.

މެޓު ދެކޭގޮތުގައި މިހާ ގިނަ އަދަދެއްގެ ބޯވަ ފެންނަ ފެށުމުގެ މާނައަކީ އެފަދަ ރަނގަޅު މާހައުލެއް އިނގިރޭސި ކަނޑުތަކުގައި ޤާއިމްވެފައި ހުރުން ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ފާލެއް ކަމަށްވެސް އޭނާ ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!