3905

ބާޖެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ބާޖެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

ކޯސްޓްގާޑުން ބުނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުންދަނިކޮށް ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ، ނ.މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވައިކަމަށެވެ.

މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެކެވެ. މި ބާޖުގެ ސްޓަރބޯޑް ސައިޑްގައި ފެހި ލައިޓެއް، އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން އިރަށެވެ.

އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތައް އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް  ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ އިލްތިމާޒްކޮށްފައެވެ.

މި ބާޖާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބައްލައިދިނުމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ އެދިފައެވެ. އަދި މި ބާޖާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށްވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!