8F895A6F-25F3-48CC-AE4D-8D65FD87440C

ނޫ ކުލައިގެ އިއްސެއް، މިއީ ވަރަށް މަދުން ފެންނަ ބާވަތެއް!

އާއްމުކޮށް ނުފެންނަ ބާވަތުގެ އިއްސެއް އިނގިރޭސިވިލާތުގެ ޝަރރިންގހަމްގެ ކަނޑުގެ އައްސޭރިން ފެނިއްޖެއެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ސީއޭ ފުޑްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ މުވައްޒަފަކަށް ހިފުނު މި އިހީގެ ގައިގެ ކުލައަކީ ނޫ ކުލައެވެ. މި ބާވަތުގެ އިއްސަކީ ވަރަށް މަދުން ފެންނަ ބާވަތުގެ އިއްސަކަށްވުމުން މީތި ވަނީ އަނބުރާ މޫދަށް ދޫކޮށްލާފައެވެ.

އިހީގެ ގައިގެ ކުލަ ނޫ ކުލައިގައި ހުންނަނީ ޖެނެޓިކް މިއުޓިލޭޝަނެއްގެ ސަބަބުންނެވެ. އެގޮތުން މިއީ ކްރަސްޓޭސިޔަނިން ޕްރޮޓީން އޭގެ ގައިގައި ގިނަ ވުމުން ވާ ގޮތެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ ޔުނިވަރސިޓީ އޮފް މެއިންގެ ކަމާއި ގުޅޭ މާހިރުން ހާމަކުރާގޮތުގައި މި ފަދަ އިއްސެއް ހިފުމަކީ ވަރަށް ނާދިރު ކަމެކެވެ. އެގޮތުން އެފަދަ އިއްސެއް ހިފޭނީ 2 މިލިއަނުން އެއް ފަހަރު ކަމަށްވެސް ތަޖުރިބާ ކާރުން ހާމަކުރެއެވެ.

އެހެންނަމަވެސް މިފަހުގެ ތާރީޙުތަކުގައި އިނގިރޭސި ކަނޑުތަކުން މި ބާވަތުގެ އިހި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

ނޫކުލައިގެ އިހީގެ އިތުރުން ރީނދޫކުލައިގެ އިއްސާއި އަލްބީނޯ ކްރިސްޓަލް އިއްސަކީވެސް ވަރަށް ނުފެންނަ ބާވަތް ތަކެއްގެ އިއްސެވެ. ބުނެވޭގޮތުގައި ރީނދޫ ކުލައިގެ އިއްސެއް ފެންނާނީ ކޮންމެ ތިރީސް މިލިއަން އިހިން އެކައްޗެވެ. އަދި އަލްބީނޯ އިއްސެއް ފެންނާނީ ކޮންމެ ސަތޭކަ މިލިއަން އިހިން އެކަތިކަމަށް ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!