އިހަވަންދޫ 'ފައްސި' ދޯނިން ކަންނެލީގެ މަސްވެރިކަމުގައި އުޅުމުގައި 334 ކިލޯގެ ހިބަރެއް ބާނައިފިއެވެ.
މި ހިބަރު ބޭނި އިރު އޭގެ ބަނޑުގައި 22 ކިލޯގެ ކަންނެއްޏެއްވެސް އޮތެވެ.
މީގެ ތިން ދުވަސްކުރިން، އިހަވަންދޫ ފައްސި ދޯންނިން ހުވަދޫ ކަނޑުގެ ސަރަޙައްދުގައި ކަންނެލި މަސްވެރިކަން ކުރަމުން ދިޔައިރު މިވަނީ އާދަޔާ ހިލާފަށް ބޮޑު ހިބަރެއް ބާނާފައެވެ. ފައްސި ދޯނީގެ ކެޔޮޅު އަޙުމަދު ފައިސަލް މަސްވެރިން އެމްވީއަށް މިކަމާއި ގުޅޭގޮތުން މައުލޫމާތުދެމުން ބުނީ ކަންނެލި މަސްވެރިކަން ކުރުމުގައި ނަނުގައި ކަންނެލި ގަނެފައިވަނިކޮށް އެ ކަންނެލި ހިބަރު އައިސް ކާލީ ކަމަށެވެ.
"ކަންނެލި ބާނަން ތިއްބާ، ނަނުގައި ޖެހިފައި އިން ކަންނެލި ހިބަރު އައިސް ކާލީ، ދެން އެގޮތަށް މި ހިބަރު މި ބޭނުނީ، ބޭނިފައިވަނީ މަސް ހިބަރެއް،" ފައިސަލް ބުންޏެވެ.
ފައިސަލް ބުނީ އެމަސް ވިއްކާފައިވަނީ ލ.މާވަށުގެ މީހަކަށް ކަމަށެވެ. އެގޮތުން އެ މަހުގެ އަގު ގާތްގަނޑަށް 5000 ރުފިޔާ އެރިކަމަށް ފައިސަލް ބުންޏެވެ. ފައިސަލް ބުނީ މީގެކުރިން އެ ދޯނިން ބޭނުނު އެންމެ ބޮޑު ހިބަރުގެ ބަރުދަނަކީ 150 ކިލޯ ކަމަށެވެ.
މާވަށުގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ މާވަށުގައި ހަރަކާތްތެރިވާ އޮފިސަރއެއްކަމަށްވާ މޫސާ އިބްރާހިމް ބުނީ މި ހިބަރުގެ ދިގު މިނުގައި 13.2 ފޫޓު ހުރި ކަމަށެވެ. އަދި މިއީ މާވަށަށްވެސް އެރުވި އެންމެ ބޮޑު ހިބަރު ކަމަށާއި އެ ސައިޒުގެ ހިބަރެއް އެހިސާބުގައިވެސް ބާނާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް މޫސަ ބުންޏެވެ.
މޫސަ ބުނީ ހިބަރުގެ ބާވަތްތަކުގެތެރެއިންވެސް މަސް ހިބަރު ބޭނެނީ ވަރަށް މަދުން ކަމަށެވެ. އެގޮތުން މަސް ހިބަރަކީ އަތޮޅުގެ އުރަފަށަށް ތިލަވާ އެއްޗެއް ނޫން ކަމަށެވެ. އަދި މި ބާވަތުގެ ހިބަރު އާއްމުކޮށް އުޅެނީ ބޭރު ކަނޑުތަކުގައި ކަމަށްވެސް މޫސަ ބުންޏެވެ.
2 Responses
މީގެ ކުރިން ވަނީ މާވަށަށް ވަރަށް ބޮޑުހިބަރެއް ބާނާފައި، ދިގުމިނުގައި 15 ފޫޓު ހުރި އެ މަސް ހިބަރު ބޭނީ މޯފާ 381 ނަންބަރު ދޯނިން
ކަންނެލި ހިބަރު ކާލީއޭ؟
ހިބަރު، ކަންނެލި ކާލީތަ؟ ނޫނީ ކަންނެލި، ހިބަރު ކާލީތަ؟؟