ތެލުގެ އަގުތައް އުފުލެމުން ދިޔުމާއި ގުޅިގެން މަސްވެރިންނަށް ތެލުން ސަބްސިޑީއެއް ދިނުމަށް ޔޫއޭއީގެ ސަރުކާރުން ނިންމައިފިއެވެ.
ޔޫއޭއީގެ ސްޓޭޓު ނިއުސް އެޖެންސީ ވޭމް، އިން ޙަބަރުދޭގޮތުގައި ޙާއްސަ ސްކީމެއް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ އެޤައުމުގެ މިނިސްޓްރީ އޮފް ކްލައިމެޓު ޗޭންޖު އެންޑު ދަ އެންވަޔަރަމެންޓު އަދި އަބޫ ދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ އާއި އެމިރޭޓްސްގެ ނޭޝަނަލް އޮއިލް ކޮމްޕެނީ އާއި ގުޅިގެންނެވެ.
އެމިރާޓީ މިނިސްޓަރ މަރިއަމް ބިންތު މުޙައްމަދު އަލްމްހެއިރީ ވަނީ މަސްވެރިންގެ އެސޯސިއޭޝަންސްގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާ އެޤައުމުގެ މަސްވެރިކަމުގެ ސިނާއަތަށް ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.
އެގޮތުން ތެލުގެ އަގުތައް އުފުލެމުން ދިޔުމާއި ގުޅިގެން މަސްވެރިންނަށް ދަތިވަމުންދާކަން އެސޯސިއޭޝަނުންވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިކަމަށް ހައްލެއް ގެނެސްދިނުމަށް އެޤައުމުގެ ސަރުކާރުން މިހާރުމިވަނީ ސްކީމެއް ތައާރަފްކުރުމަށް ނިންމާފައެވެ.
ސްކީމަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމަށް ޕޮއިންޓު ދޭނެއް އުސޫލެއް އެޤައުމުގެ އެންވަޔަރަމެންޓު މިނިސްޓްރީވަނީ އެކުލަވާލާފައެވެ. އެ މިނިސްޓްރީން ލަފާކުރާގޮތުގައި މި މި އަހަރުތެރޭ މި ސްކީމުން 500 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ޔޫއޭއީގެ ސަރުކާރުން މީގެ ކުރިންވަނީ މަދުން އާމްދަނީ ލިބޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތެލާއި، ކާބޯތަކެތި، ކަރަންޓު އަދި ފެނަށްވެސް ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ.