އަނގަޔާއި ކަރުތެރޭގައި ގިނަ އަދަދަކަށް ޕްލާސްޓިކް ތާށިވެ، މަރުވެފައި އޮތް ކަހަނބެއް ތައިލޭންޑުގެ ޕުކެޓުގެ ބީޗަކަށް ލައްގައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ޕުކެޓުގެ މައި ކާއޯ ބީޗަށް ލެއްގި މި ކަހަނބު މަރުވެފައިވަނީ ކަރުތެރޭގައި ޕްލާސްޓިކް ތާށިވެގެންކަމަށް މައި ކާއޯ ސަބް ޑިސްޓްރިކްސްގެ އައިލެންޑު ޗީފް ބުނެފައިވެއެވެ.
މައި ކާއޯ ބީޗުގައި ހަރަކާތްތެރިވާ ލައިފްގާޑުން ބުނެފައިވަނީ މި ކަހަނބު އެ ބީޗަށް ލެއްްގި އިރުވެސް ކުނިވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ކަހަނބު މަރުވެފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް ލައިފްގާޑުން ލަފާކުރެއެވެ. ކަހަނބު ވަޅުލުމުގެ ކުރިން، ނޭޝަނަލް ސޮރޮސަކް ރަނަނަންގެ އޮފިޝަލުންވަނީ އޭތީގެ ހަށިގަނޑު ރަނގަޅަށް އިންސްޕެކްޓުކޮށްފައެވެ.

ހަމަ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ ބީޗަށްވަނީ ކުޑަ ކަހަނބެއްވެސް ލައްގާއެވެ. ބަލާ ބެލުމަށް އޭގެ ހާލަތު ރަނގަޅު ނަމަވެސް ހެލްތް ޗެކް އަޕްއަކަށް ވަނީ ސީ ޓަރޓަލް ނަރސަރީއަށް ގެންގޮސްފައެވެ.
ހޯކްސްބިލް ޓަރޓަލް ނުވަތަ ކަހަނބަކީ ކްރިޓިކަލީ އެންޑޭންޖަރޑު ސްޕީސީސްތަކުގެ ލިސްޓުގައި ހިމެނޭ އެއްޗެކެވެ. ޕްލާސްޓިކާއި ގޯސްޓު ނެޓުގެ ސަބަބުން އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މިތަކެތީގެ ދިރުމަށް ދަނީ ގިނަ އަސަރުތަކެއް ކުރަމުންނެވެ.