އީދު ފާހަގަކުރުމަށް ރ. މަޑުއްވަރީގައި މަސްރޭހެއް ބާއްވައިފިއެވެ.
އަބާރަނަ 1443 މަސްރޭހުގެ ނަމުގައި ބޭއްވި މި މުބާރާތުގައި 12 ޓީމަކުން ބައިވެރިވެފައިވެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް މަދުވެގެން 3 މެމްބަރުން ތިބެން ޖެހެއެވެ. ބައެއް ޓީމުތަކުގައި އަންހެން މެމްބަރުންވެސް ހިމެނެއެވެ.
އިއްޔެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00 ޖެހުމާއި ހަމައަށް ކުރިއަށް ދިޔަ މި މުބާރަތުގައި ކަނޑައަޅާފައިވާ ގަޑިއަށް މަސްރޭސް ނިންމާފައިވަނީ 10 ޓީމަކުންނެވެ. އެ ދިހަ ޓީމުން ބާނައިފައިވާ މަހުގެ ބަރުދަނުގައި 232.20 ކިލޯ ހުއްޓެވެ.
މަސްރޭހުގައި ވަނީ އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާފައެވެ. އަދި މީގެއިތުރުން އެންމެ ބަރުމަސް ބޭނި ފަރާތްވަނީ ހޮވާފައެވެ. އެގޮތުން 54.60 ކިލޯގެ މަސް ބާނައިގެން އެއްވަނައަށް ހޮވިފައިވަނީ ގާތު ގިރި ޓީމެވެ. އެ ޓީމަށްވަނީ 5000ރ. ގެ ފައިސާގެ އިނާމެއް ލިބިފައެވެ.

ދެވަނައަށް ހޮވުނު ޓީމު ކަމުގައިވާ ޓީމް ހޫކް އިން ބާނައިފައިވަނީ 44.20 ކިލޯއެވެ. އެ ޓީމަށް ވަނީ 3000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. 36.20 ކިލޯގެ މަސް ބާނައިގެން ތިންވަނައަށް ހޮވިފައިވަނީ ވަނަ ދޮންދޮނާ ޓީމެވެ. އެ ޓީމަށްވަނީ 2000ރ. ގެ ފައިސާގެ އިނާމެއް ދީފައެވެ.
އަދި މީގެ އިތުރުން އެންމެ ބަރުމަސް ބޭނި ފަރާތްވެސް ވަނީ ހޮވާފައެވެ. އެންމެ ބަރުމަސް ބާނާފައިވަނީ ފެންކުރި ޓީމުގެ އަބްދުﷲ ޝިހާމެވެ. އެންމެ ބަރުމަހުގެ ބަރުދަނުގައި 5.20 ކިލޯ ހުއްޓެވެ.
2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް މަޑުއްވަރީގައި އީދު ފާހަގަކުރުމަށް މަސްރޭހެއް ބާއްވައެވެ. މި އަހަރު މަސް ރޭސް ބާއްވާފައިވަނީ ކޯވިޑާއި ގުޅިގެން 2 އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހުއެވެ.