293704684_564389375368574_7953446700316136488_n

‏ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގައި އެޅި ފުރަތަމަ ކަނދުފަތި ގެއްލިއްޖެ

‏ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގައި އެޅި ފުރަތަމަ ކަނދުފަތި ގެއްލިއްޖެކަމަށް މަސްވެރިން ބުނަން ފަށައިފިއެވެ.

މަސްވެރިންނާއި ހަވާލާދީ މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ‏ފަރުމަސްވެރިކަމަށް ހާއްސަކޮއްގެން ހއ.މޮޅަދޫގެ 1.5 މޭލު ދެކުނު ސަރަހައްދެއްގައި ފިޝަރީޒް މިނިސްޓްރީން އެޅި ކަނދުފަތި ގެއްލިފައިވާ ކަމަށެވެ. އެގޮތުން އެސަރަހައްދުގައި މަސްވެރިކަން ކުރާފަރާތްތަކުން މައުލޫމާތު ދީފައިވާގޮތުގައި، ކަނދުފަތި ނުފެންނަތާ މިހާރު 2 ހަފުތާއެއްވަރު ވެދާނެ ކަމަށެވެ.

ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން އެޅި "ވަދުމަސްކަނދު" ގެއްލިފައިވާއިރު، އެންމެ ފުރަތަމަ އެ ދިމާލުގައި އެޅި ކަނދުފަތިވެސް ވަނީ އަޑިއަށް ފެތިފައެވެ. ފަހުން ހަރުކުރި ކަނދުފައްޗާއި ގުޅޭގޮތުންވެސް ގިނަ ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ކަނދުފަތީގެ އެއްވެސް ބޭނުމެއް ނުކުރެވޭކަމަށް އެސަރަހައްދުގައި މަސްވެރިކަން ކުރާފަރާތްތަކުން ބުނެފައިވެއެވެ. ސަބަބަކީ ސްޕޯޓްފިޝިންގް އަށް ހާއްސަކޮށްގެން އެޅި މި ކަނދުފަތީގެ ބޭނުން ނުކުރެވެނީ ކަނދުފަތި ފައްތާފައިއޮތް ސަރަހައްދު މާބޮޑަށް ތިލަވުމުންކަމަށް މަސްވެރިން ދިޔައީ ބުނަމުންނެވެ. އަދި މިއާއެކު މިކަނދުފަތީގައި އެއްވެސްބާވަތެއްގެ މަހެއް އަޅާފައިނުވާ ކަމަށްވެސް މަސްވެރިން ބުނެފައިވެއެވެ.

ފުރަތަމަ އެޅި ފަރުމަސް ކަނދުގެ ބޭނުމެއް ނުކުރެވޭ!

ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!