Bronze-Whaler-Shark-on-beach-768x461

ގިނަ ބަޔަކު ނުރުހުން ފާޅުކުރުމުން މިޔަރު ބޭނުމުގެ މުބާރާތް ފަސްކޮށްފި

އެމެރިކާގެ ނޯތު ކެރޮލައިނާގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިއޮތް މިޔަރު ބޭނުމުގެ މުބާރާތެއް ފަސްކޮށްފިއެވެ. މުބާރާތް ބާއްވާ ތާރީޙު ފަސްކޮށްފައިމިވަނީ ގިނަ ބަޔަކު އެ މުބާރާތާއި ދެކޮޅަށް އަޑު އުފުލަމުން ދިޔުމާއި ގުޅިގެން ކަމަށް ޙަބަރުތައް ބުނެއެވެ.

މިޔަރު ބޭނުމުގެ މުބާރާތާއި އެކު މަސްވެރިކަމަށް އެކަމުން ފައިދާކުރި ނަމަވެސް އޭގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މި ދުވަސްވަރަކީ އެ ހިސާބުގަނޑަށް ގިނަ އަދަދަކަށް ފަތުރުވެރިންދާ ދުވަސްވަރަކަށްވާއިރު، މި މުބާރާތުގެ ސަބަބުން ފަތުރުވެރިން އަންނަ އަދަދަށް އަސަރުކުރާނެ ކަމަށްވެސް އާއްމުންދަނީ ބުނަމުންނެވެ.

މި މުބާރާތުގައި މިޔަރު ބޭނުމަށް ހަމަޖެހިފައިވަނީ އެއްގައުމުގައި ތިބެގެން ކަމަށްވާއިރު، ބީޗަށް ދާ މީހުންނަށް މިކަމުގެ ސަބަބުން ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި، މިޔަރުތައް އެއްގަމާއި ކައިރިއަށް އައިސް ހެދުމުގެ ފަތުރުވެރިންނަށް އޭތި ހަމަލާދީފާނެ ކަމަށްވެސް އެހިސާބުގައި ހޮޓާ ވިޔަފާރި ކުރާ ފަރާތަކުން ބުނެފައިވެއެވެ.

އިވެންޓު އިންތިޒާމް ކުރާ ފަރާތުން މިހާރުވަނީ މި މުބާރާތް އަންނަ އޮކްޓޫބަރުމަހުގެ ފުރަތަމަ ހަފްތާއަށް ފަސްކޮށްފައެވެ.

ދާދިފަހުން އެމެރިކާގެ ޕާމް ބީޗު ކައުންޓީގައިވެސް ވަނީ މިޔަރު ބޭނުމުގެ މުބާރާތެއް ބާއްވާފައެވެ. މި މުބާރާތާއި ދެކޮޅަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!