B atoll FAD

ކަނދުފަތި ކަނޑައިގެން ދާ އެއް ސަބަބަކީ އުޅަނދުފަހަރު ކަނދުފަތީގައި ވާ އައްސައި ބަނދެގެން ތިބުން: ފިޝަރީޒް މިނިސްޓްރީ

ކަނދުފަތި ކަނޑައިގެން ދާ އެއް ސަބަބަކީ އުޅަނދުފަހަރު އެ ކަނދުފަތީގައި ވާ އައްސައި ބަނދެގެން ތިބުންކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައިކުރާ ދޮށީގެ މަސްވެރިކަމަށާއި ވަދު މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކިސަބަބުތަކާއިހުރެ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ. އެގޮތުން މި ފައިތުވީ 4 ދުވަސްތެރޭ 4 ކަނދުފަތި ވަނީ އަލުން ޤާއިމްކޮށްފައެވެ. އެއީ ކ. މާފުށި، ޅ.ފާދޫ، ހއ.ފިއްލަދޫ އަދި ށ. ކޮމަންޑޫ ކަނދުފަތިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް މިފަހުން އެކިކައުންސިލް އިދާރާތަކުން މިނިސްޓްރީ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި 8 ކަނދުފަތި ވަނީ ކެނޑިފައެވެ. އެއީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ.ކާށިދޫ، ކ.މާފުށި، އއ.އުކުޅަސް، ތ.ހިރިލަންދޫ ، ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ކަނދުފަތިތަކެވެ. މީގެތެރެއިން 4 ކަނދުފަތި އަލުން ޤާއިމްކޮށްފައިވާއިރު، ދެން ބާކީ އިނީ 4 ކަނދުފަތިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ދިވެރިރާއްޖޭގައި މަސްވެރިންނަށް ޤާއިމުކޮށްދެވިފައިވާ ކަނދުފަތީގެ ވިޔުގާގައި ހިމެނޭ ބައެއް ކަނދުފަތި ކަނޑައިގެން ދާ އެއް ސަބަބަކީ އުޅަނދުފަހަރު އެ ކަނދުފަތީގައި ވާ އައްސައި ބަނދެގެން ތިބުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ނުކުރުމަށް އެންމެހާ މަސްވެރިންނަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތައް އިނގޭނަމަ އެކަން ކުރާ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު މި މިނިސްޓްރީއަށް އެންގުމަށްވެސް ވަނީ އެދިފައެވެ. 

ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!