މަދުން ނޫނީ ނުފެންނަ ނޫ ކުލައިގެ އިއްސެއް އިނގިރޭސިވިލާތުގެ މަސްވެރިއެއް ހިފައިފިއެވެ. އުމުރުން އެންމެ 29 އަހަރުގެ ލިއަމް ތޯމަސްއަށް ނޫ އިއްސެއް ހިފާފައިވަނީ ޕަފިން އައިލެންޑް ކައިރިންނެވެ.
މަދުން ނޫނީ ނުފެންނަ ބާވަތަކަށްވުމުން ބާޒާރުގައި ނޫ އިހީގެ އަގު ވަރަށް ބޮޑެވެ. އެހެންކަމުން މި އިހި ވިއްކައިގެން ލިއަމްއަށް ރަނގަޅު އާމްދަނީއެއް ލިބޭނެއެވެ.

އޭނާ ބުނީ އެ އިހި ހިފުމުން ކުއްލި ހައިރާންކަމެއް ލިބުނު ކަމަށެވެ. އޭގެ ގައިގައި ނޫކުލަ ހުރި އިރު، އެހެން އިހިތަކުގެ ތެރޭގައި އޮތް އިރު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ކުރިންވެސް ނޫ އިއްސެއް ބޭނުނު ކަމަށާއި އެހެން ނަމަވެސް އޭގެ ގައިގެ ނޫ ކުލަ ވަރަށް ގަދަ ކަމަށެވެ. މި ފަހަރު ލިއަމް އަށް ބޭނުނު އިހީގެ ގައިގައި ހުރީ ވަރަށް މަޑު ނޫ ކުލައެކެވެ.

އިހީގެ ގައިގެ ކުލަ ނޫ ކުލައިގައި ހުންނަނީ ޖެނެޓިކް މިއުޓިލޭޝަނެއްގެ ސަބަބުންނެވެ. އެގޮތުން މިއީ ކްރަސްޓޭސިޔަނިން ޕްރޮޓީން އޭގެ ގައިގައި ގިނަ ވުމުން ވާ ގޮތެއް ކަމަށް ސައިންސްވެރިން ބުނެއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް މެއިންގެ ކަމާއި ގުޅޭ މާހިރުން ހާމަކުރާގޮތުގައި މި ފަދަ އިއްސެއް ހިފުމަކީ ވަރަށް ނާދިރު ކަމެކެވެ. އެގޮތުން އެފަދަ އިއްސެއް ހިފޭނީ 2 މިލިއަނުން އެއް ފަހަރު ކަމަށްވެސް ތަޖުރިބާ ކާރުން ހާމަކުރެއެވެ.
އެހެންނަމަވެސް މިފަހުގެ ތާރީޙުތަކުގައި އިނގިރޭސި ކަނޑުތަކުން މި ބާވަތުގެ އިހި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.
ނޫކުލައިގެ އިހީގެ އިތުރުން ރީނދޫކުލައިގެ އިއްސާއި އަލްބީނޯ ކްރިސްޓަލް އިއްސަކީވެސް ވަރަށް ނުފެންނަ ބާވަތް ތަކެއްގެ އިއްސެވެ. ބުނެވޭގޮތުގައި ރީނދޫ ކުލައިގެ އިއްސެއް ފެންނާނީ ކޮންމެ ތިރީސް މިލިއަން އިހިން އެކައްޗެވެ. އަދި އަލްބީނޯ އިއްސެއް ފެންނާނީ ކޮންމެ ސަތޭކަ މިލިއަން އިހިން އެކަތިކަމަށް ވެއެވެ.