އިންޑިޔާގެ ކެރެލާ ސްޓޭޓުގެ މަސްވެރިންތަކެއް 28.4 ކިލޯގެ މާވަހަރެއް ހޮވައިފިއެވެ. މި މާވަހަރުގެ އަގު ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރަށް އަރާނެ ކަމަށްޙަޚަބަރުތައް ބުނެއެވެ.
ކެރެލާ ސްޓޭޓުގެ ވިޒްހިންޖަމްގެ ކަނޑުގެ ސަރަހައްދުން މަސްވެރިން ހޯދި މި މާވަހަރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ފުލުހުންވަނީ މި މާވަހަރު ފޮރެސްޓު ޑިޕާޓުމަންޓާއި ހަވާލުކޮށްފައެވެ. ފޮރެސްޓު ޑިޕާޓްމަންޓުން މިއީ އަސްލުވެސް މާވަހަރެއްތޯ ޗެކްކުރުމަށް ރާޖިވް ގާންދީ ސެންޓަރ ފޮރ ބައޯޓެކްނޮލޮޖީއަށް މާވަހަރު ވަނީ ގެންގޮސްފައެވެ.
މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ.
މަސްވެރިން އެހާ ބަރު މާވަހަރެއް ކަޅު ބާޒާރުގައި ވިއްކާލަން އުޅުމުގެ ބަދަލުގައި ފުލުހުންނާއި އޭތި ހަވާލުކުރުމުން ގިނަ ބަޔަކު ދަނީ އެ މަސްވެރިންނަށް ތައުރީފް ކުރަމުންނެވެ.
ޙަބަރުތައް ބުނާގޮތުގައި ދުނިޔޭގެ ބާޒާރުގައި އެއް ކިލޯގެ މާވަހަރުގެ އަގު އުޅެނީ 125000 ޑޮލަރުގައެވެ. މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ.