1680164

ވިއެޓްނާމުން ކަންނެލި އެކްސްޕޯޓުކުރާ މިންވަރަށް ބޮޑު ކުރިއެރުމެއް

ވިއެޓްނާމުން ކަންނެލި އެކްސްޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޤައުމުގެ ސީ ފުޑު އެކްސްޕޯޓާސް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އެގޮތުން ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހަށް އޮތް ޑިމާންޑު އިތުރުވެ، މަހަށް ލިބޭ އަގުވެސް ރަނގަޅުވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު، ކޮމްޕްރިހެންސިވް އެންޑު ޕްރޮގްރެސިވް އެގްރީމެންޓު ފޮރ ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް ( ސީޕީޓީޕީޕީ)ގެ ޤައުމުތަކަށް 68 މިލިއަން ޑޮލަރުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 50 އިންސައްތަ އިތުރު އަދަދެއްްކަން އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.

ވިއެޓްނާމުން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރަނީ އެމެރިކާ އަރި ޔޫރަޕްގެ ޤައުމުތަކަށެވެ. އަދި ސީޕީޓީޕީޕީގެ ޤައުމުތަކަކީ ވިއެޓްނާމުން ތިންވަނައަށް އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރާ މާކެޓެވެ.

ވިއެޓްނާމުގެ ސީ ފުޑު އެކްސްޕޯޓާސް އެސޯސިއޭޝަނުން ލަފާކުރާގޮތުގައި އެމެރިކާގައި، ޕްރޮޓީންގެ މާއްދާ އެންމެ ގިނައިން ލިބޭ ބާވަތްތައް ކަމުގައިވާ، ކުކުޅު އަދި ގެރިމަހުގެ އަގުތައް އުފުލެމުން ދިޔުމާއި އެކު ކަނޑުމަސް އަދި ކަންނެލި ކެއުމަށް ބޭނުން ކުރަން ފަށާ މީހުން އެ ޤައުމުގައި އިތުރުވެ، ޑިމާންޑު އުފުލިގެންދާނެއެވެ.

އަދި އަހަރު ނިމޭއިރު، މަސް ބޭރުކޮށްގެން 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވިއެޓްނާމަށް ލިބޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ލަފާކުރެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 45 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެތެރޭގައި، ވިއެޓްނާމުން ވަނީ 300 މިލިއަން ޑޮލަރުގެ މަސް އެމެރިކާއަށް އެކްސްޕޯޓުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 96 އިންސައްތަ އިތުރު އަދަދެކެވެ.

މައިގަނޑު މާކެޓުތަކުގެ އިތުރުން، ސައުދީ އަރަބިއްޔާ، ތައިލޭންޑު، ފިލިޕީންސް އަދި ރަޝިއާއަށް ވިއެޓްނާމުން މަސް އެކްސްޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!