ގދ.އަތޮޅު ފިޔޯރީ ކައިރީގައި އަޅާފައި އޮންނަ މަސް ބޮއެ ކަނޑައިގެން ދިޔަތާ ދެ މަސްދުވަސް ވެގެން ދިޔައިރުވެސް އެސަރަހައްދުގައި އަލުން ބޮއެއް އަޅާފައި ނުވާތީ އެސަރަހައްދުގެ މަސްވެރިންނަށް ދަތިތައް ކުރިމަތިވެ، އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.
މި ބޮއެއަކީ ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފަރެސްމާތޮޑާ އާއި ފިޔޯރީ އަދި ރަތަފަންދޫގެ އިތުރުން ވާދޫގެ މަސްވެރިން ވެސް އެންމެ އާއްމުކޮށް ބޭނުން ކުރަމުން އަންނަ ބޮއެއެވެ.
ފަރެސްމާތޮޑާގެ މަސްވެރިޔަކު މިނޫހަށް މައުލޫމާތު ދެމުން ބުނީ ގދ.އަތޮޅުގައި އޮންނަ މަސްވެރިކަން އެންމެ ރަނގަޅު އެއްބޮއެ ކަނޑައިގެން ގޮސް ގިނަ ދުވަސްތަކެއް ވުމުން އެސަރަހައްދާއި އަދި މުޅި އަތޮޅުގެ މަސްވެރިންނަށް ވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ބޮއެ ކެނޑިފައި ވަނީ ހުޅަނގުގެ ގަދައިގެ ތެރޭގައެވެ.
"ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވޭ. ފަރެސްމާތޮޑާއަކީ މަސްވެރި އާއިލާތަކެއް އެޅޭ، ވަރަށް މަސްވެރިކަން ކުރާ، އާއްމުކޮށް ހުވަދުއަތޮޅުގެ އެންމެ މަސްވެރިކަން ރަނގަޅު ރަށަށް ވެފަ، ފިޔޯފީ ކަނޑަށްވާތީ ފިޔޯރީ ބޮއެގެ ނަން ދީފަ އިނަކަސް ފަރެސްމާތޮޑާއާ ދިމާއަށް ގާތްގަނޑަކަށް އިންނަ ބޮއެއެއް އެއީ. އެ ބޮއެ އެތާ އޮތުމުގެ ސަބަބުން ފަރެސްމާތޮޑާ މަސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހަތަކެއްވޭ،" ފަރެސްމާތޮޑާ ކެޔޮޅަކު ކިޔައިދިނެވެ.
ފިޔޯރީ ބޮއެ އޮންނަ ލޮކޭޝަންގައި މަސްވެރިކަން ރަނގަޅުކަން ފާހަގަ ކުރަމުން ކެޔޮޅު ބުނީ ބޮއެ ކެނޑުމާ ގުޅިގެން މަސްވެރިންނަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ.
ފަރެސްމާތޮޑާއަކީ މަސްވެރިރަށެއްކަމުން، މިފަދަ ކަންކަން ހިނގުމުން ކައުންސިލަށް ރަސްމީކޮށް ނޭނގި ނަމަވެސް ކޮފީ މޭޒުތަކުން ކައުންސިލަށްވެސް މިކަން އެނގޭނެކަމަށް ކެޔޮޅު މައުލޫމާތުދިނެވެ.