އާބާދީގައި 888 އެއްހާ މީހުން ދިރުއުޅޭ ވ. ކެޔޮދޫހެ ބޮޑުމިނުގައި 11.8 ހެކްޓަރެވެ.
ކެޔޮދޫގައި މިހާރު ކުރަނީ ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަމޭ ބުނެވިދާނެއެވެ. ކަނޑުމަހަށް ދާ ތިން ދޯނި އެރަށުގައި އޮންނައިރު، ގަވާއިދުން މަހަށް ދަނީ ދެ ދޯންޏެވެ. އެރަށުގައު ފަރުމަހުގެ މަސްވެރިކަން ކުރަނީ ނައިޓް ފިޝިން ފަދަ ކަންކަމަށެވެ.
ކެޔޮދޫގައި މަސް ކެއްކުމާއި ރިހާކުރު ކެއްކުމުގައިވެސް ކޮންމެވެސް ވަރަކަށް މީހުން ހަރަކާތްތެރިވެއެވެ. ރަށު ދޯނިތަކުން ބާނާ މަހުގެ އިތުރުން، މަސް ބަނެގެންވެސް އެރަށުގައި މަސް ކައްކައެވެ. ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ސިރާޖް ވިދާޅުވި ގޮތުގައި، އެރަށުގައި އަށެއް ނުވަތަ ދިހަ ފަރާތަކުން މަސްކެއްކުމާއި ރިހާކުރު ކެއްކުމުގައި ހަރަކާތްތެރިވެއެވެ. އެ ފަރާތްތަކުން އެ މަސައްކަތް ކުރަނީ ގޭގޭގައެވެ. ފިރިހެނުން މަސް ކެނޑުމުގައި ހަރަކާތްތެރިވާއިރު، މަސް ކެއްކުމުގައި ގިނައިން ހަރަކާތްތެރިވަނީ އަންނެހުންނެވެ.

މީގެ ކުރިން ކެޔޮދޫއަކީ މަސްވެރި ރަށެއްކަމަށް ސިރާޖް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މަސްވެރިން އުމުރުން ދުވަސްވެ، މަސްވެރިކަން ހުއްޓާލިއިރު، ޒުވާނުންގެ މިސްރާބު މަސްވެރިކަމުން ކައްސާލީއެވެ. ޒުވާނުން އަމާޒުހިފީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ވުމުން، ރަށުގައި މަސްވެރިން މިހާރު މަދީއެވެ. އަދި ލޯކަލް ޓޫރިޒަމް ތައާރަފް ވުމާއެކު، ޒުވާނުން މިސްރާބުޖެހީ އެދިމާއަށެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް ފުޅާވުމުގެ ކުރިން ކެޔޮދޫއަކީ މަސްވެރި ރަށެއް ކަމަށް ސިރާޖް ވިދާޅުވިއެވެ.