ރާއްޖެއަށް ވިއްސާރަކުރުން -- ފޮޓޯ/ އަވަސް
ރާއްޖެއަށް ވިއްސާރަކުރުން -- ފޮޓޯ/ އަވަސް

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް 36 ގަޑިއިރު ކަނޑު ވަރަށް ގަދަވާނެ: މެޓް

ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކުރިއަށް އޮތް 36 ގަޑިއިރު މޫސުމަށް ސަމާލު ވުމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މޫސުން ގޯސްވުމާ ގުޅީގެން މިއަދުވެސް ވަނީ ޔެލޯ އެލަރޓް ނެރެފިއެވެ. މިއީ މޫސުން ގޯސްވާނެ ކަމަށް ލަވާކޮށް، ޔެލޯ އެލަރޓް ނެރުނު ހަތަރުވަނަ ދުވަހެވެ. މިދިޔަ ތިން ދުވަހުވެސް މެޓުން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. ނަމަވެސް އެލަރޓް ނެރުނު ސަރަހައްދުތައް ތަފާތެވެ.

މެޓް އޮފީހުން މިރޭ ބުނެފައި ވަނީ، ކުރިއަށް އޮތް 36 ގަޑިއިރު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވާނެތީ، ހުރިހާ އެންމެންވެސް މޫސުމަށް ސަމާލު ވުމަށާއި، ހާއްސަކޮށް ކަނޑު ދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން މިއަދު ޔެލޯ އެލަރޓް ނެރެފައި ވަނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ. މެޓުން ލަފާކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ.

މިވަގުތު ޔެލޯ އެލަރޓް ނެރެފައި ވަނީ ރާއްޖޭގެ އުތުރަށެވެ. އެގޮތުން ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!