ޤަވާއިދާއި ހިލާފަށް އެމެރިކާގެ ކަނޑުގެ ސަރަޙައްދުން މިޔަރުގެ މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު އަތުލައިގަނެފިއެވެ.
އެމެރިކާގެ ޓެކްސަސްގެ ކަނޑުގެ ސަރަޙައްދުން މިޔަރުގެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މެކްސިކޯއަށް ނިސްބަތްވާ ހަތަރު މަސްވެރިންނެވެ. މިމީހުން ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ މައުލޫމާތު ކޯސްޓު ގާޑަށް ލިބިފައިވަނީ، ކަސްޓަމްސް އަދި ބޯޑަރު ޕްރޮޓެކްޝަންގެ ފަރާތުންނެވެ.
އެގޮތުން ބޯޓު ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މިޔަރު ފެނިފައިވާ ކަމަށް ކޯސްޓު ގާޑުން ހާމަކުރެއެވެ. ޓެކްސަސް ސްޓޭޓުގައި މިޔަރުގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

40 މިޔަރު އެ ބޯޓުން ފެނިފައިވާއިރު، މެކްސިކޯގެ 4 މަސްވެރިންވަނީ ޔޫ.އެސްގެ ކަސްޓަމްސް އެންޑު ބޯޑަރ ޕްރޮޓެކްޝަނާއި ހަވާލުކޮށްފައެވެ. ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މިިޔަރާއި މެދު އަމަލު ކުރާނެ ގޮތެއްް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިޔަރުގެ މަސްވެރިކަން ކުރުން ޓެކްސަސްގައި މަނާ ނަމަވެސް ޤަވާއިދާ ހިލާފަށް އެ މަސައްކަތްކުރާ މީހުން ގިނައެވެ. އެގޮތުން މިއަހަރުގެ އޭޕްރީލްމަހުގެތެރޭވެސް 400 މިޔަރު އުރަހަވަނީ ޓެކްސަސްގެ ރެސްޓޯރެންޓަކުން އަތުލައިގަނެފައެވެ.