ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަނޑުމަސް ގަންނަން ބޭރުގެ ބޯޓުތަކަށް ލައިސަންސެއް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ.
"މަސް ގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދު" ގެ ނަމުގައި މިނިސްޓްރީން ގަވާއިދެއް ގެޒެޓު ކުރީ އިއްޔެއެވެ.
މި ގަވާއިދު ގައި ބުނެފައިވަނީ، ބޭރު ގައުމެއްގެ އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސް ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމީ، ރާއްޖެއިން ބާނާ ކަނޑުމަސް ބޭރުކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި ލައިސެންސް އަށް އެދި ހުށަހަޅަންޖެހޭ ފޯމާއި، ފޯމު ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރާނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.
މަސް ގަންނަ ބޭރުގެ އުޅަނދަށް ލައިސެންސް ދެވޭނީ، 12 މަހަށް ކަމަށް ބުނެފައި ވާއިރު، އުޅަނދުތަކުގައި އެ މިނިސްޓްރީން ކަނޑައަޅާ ވެސަލް ލޮކޭޓިން ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒާވާ ސިސްޓެމެއް ހަރުކުރަން ޖެހޭނެ ކަމަށްވެސް އެ ގަވައިދުގައިވެއެވެ.
މި ޑިވައިސް ހަލާކުވެއްޖެނަމް ނުވަތަ މެދުކެނޑިއްޖެނަމަ ކަނޑުމަސް ގަތުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ގަވައިދުގައި ވަނީ ފާހަގަ ކޮށްފައެވެ.
"ލައިސަންސަށް އެދި ހުށަހެޅޭނީ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ގޮތަށް ރާއްޖޭގެ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް. ލައިސެންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންޖެހޭނީ ބޭރުގެ އުޅަނދެއް. ލައިސެންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައި." ގަވައިދުގައިވެއެވެ.
ލައިސެންސް ނެތި މަސް ގަންނަ ބޭރުގެ އުޅަނދުތައް އަށް ލައްކަަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި، މިނިސްޓްރީން ދޫކުރާ ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސެންސެއް ނެތް ދޯންޏަކުން ބާނާފައިވާ މަސް ގަންނަ ނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.




2 Responses
ތިކަން ކުރަން މާ ލަސް ވެސް ވެއްޖެ
ތިޔަކަން ނުކޮއްގެން ދުރުވިސްނޭ ދެމީހަކު ސައި ހޮޓަލެއްގަ ތިވާހަކަދެއްކި އަޑު އެހިން