ޗައިނާގެ އިންޓަރނެޓް ސެލިބްރިޓީއެއް، މިޔަރު މަސް ކާ ވީޑިއޯއެއް ލައިވް ސްޓްރީމް ކުރުމުން، ފުލުހުން އޭނާގެ މައްސަލަ ބަލަން ފަށައިފިއެވެ. ޗައިނާގައި ހިފުން މަނާ ބާވަތެއްގެ މިޔަރެއް ކެއުމަށް ބޭނުން ކުރުމުން އޭނާއަށް 5 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
ޗައިނާގެ ފުޑް ވޮލޮގަރއެއް ކަމުގައިވާ، ޓިޒީ އަކީ ތަފާތު އެކި ކަހަލަ ކެއުންތައް ތައްޔާރުކުރާ ގޮތް ކިޔާދޭ މީހެކެވެ. އެގޮތުން އޭނާވަނީ މިިދިޔަމަހުގެ 14 ވަނަ ދުވަހު ކުޑަ މިޔަރެއްގެ މަސް ބޭނުންކޮށްގެން ތަފާތު ކެއުންތައް ހަދާތަން ލައިވް ސްޓްރީމްކޮށްފައެވެ. އަދި ޓިޒީ ވަނީ އޭނާ ތައްޔާރުކުރި ކެއުން އަމިއްލައަށް ކާ ވީޑިއޯވެސް އާއްމުންނާއި ހިއްސާކޮށްފައެވެ.
ޓިޒީ ކެއުން ތައްޔާރުކުރުމުގެ ކުރިން ވަނީ މިޔަރާއި އެކު ފޮޓޯއެއްވެސް ނަގާފައެވެ. ދިގުމިނުގައި 2 މީޓަރު ހުރި މި މިޔަރުގެ ބަރުދަނުގައި 50 ކިލޯ ހުއްޓެވެ.

ގްރޭޓު ވައިޓު ޝާކަކީ ޗައިނާގައި ހިމާޔަތްކޮށްފައިވާ ބާވަތެކެވެ. ވީޑިއޯ ބެލި ބައެއް މީހުންވަނީ ޓިޒީގެ މައްސަލަ ޕޮލިހަށް ރިޕޯޓުކޮށްފައެވެ. ޓިޒީވަނީ ފަހުން މި ވީޑިއޯ އޭނާގެ ޕޭޖުން ނަގާފައެވެ. ޓިޒީ ބުނާގޮތުގައި އޭނާ ގަވާއިދާއި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި އޭނާ އެ މިޔަރު ގަނެފައިވަނީ ގަވާއިދާއި އެއްގޮތަށް ކަމަށާއި، އެގޮތުން އެއީ އިންސާނުން ކެއުމުގައި ބޭނުން ކުރުމަށް މިޔަރު އާލާ ކުރާ ވިޔަފާރިއަކުން ގަތް މިޔަރެއް ކަމަށް އޭނާ ބުނެއެވެ.
މީގެކުރިންވެސް ޓިޒީ ތައްޔާރުކޮށްފައިވާ ކެއުންތަކަށް އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެގޮތުން އޭނާވަނީ ކިބުލާއި، އޮސްޓްރިޗް އަދި ސާމަރާ ދޫނި ކާ ވީޑިއޯ ލައިވް ސްޓްރީމްކޮށްފައެވެ. އޭނާގެ މި ވީޑިއޯތަކުގެ ވިއުސްތައް މިލިއަނުން ގުނާލެވެއެވެ.
One Response
މިޔަރު މަސްކެއޭ ކިޔާފައި މީހަކަށް ކީއްވެ ޖަލު ހުކުމެއް ކުރަންވީ.
ބަހަވީ ހަމަތަކުން ލިޔަން ދަސްކޮށްގެން ލިޔެބަލަ.