އެން ހިފަން ފީނަން އުޅުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ)ގެ ޝިކާރައަކަށްވި ތ. ގުރައިދޫ މަސްވެރިއަކަށް ފަރުވާދޭން ފަށައިފިއެވެ.
ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، އެން ހިފަން އުޅުމުގެ ތެރޭގައި ޑީކޯވީ، އެރަށު ފިރުދައުސް އިސްމާއީލަށް ކަމަށެވެ. ފިރުދައުސް އަކީ ގުރައިދޫ އޯޝަން ލައިފް ދޯނީގެ މަސްވެރިއެކެވެ.
މި ނޫހަށް މައުލޫޫމާތު ދެމުން އޯޝަން ލައިފް ދޯނީގެ ކެޔޮޅު ބުނީ، އެން ހިފަން އުޅުމުގެ ތެރޭގައި ފިރުދައުސް ޑީކޯވުމާ ގުޅިގެން ފުރަތަމަ ގެންދިޔައީ މ. މުލީ ހޮސްޕިޓަލަށް ކަމަށެވެ. ނަމަވެސް އެތަނުން ޑީކޯވާ މީހުންނަށް އެކަށީގެންވާ ފަރުވާއެއް ދެވެން ނުހުންނާތީ، އެފަދަ ކަންކަމަށް ފަރުވާދެވޭނެ އެންމެ ކައިރީގައިތާ، ދ. ކަޑިންމަ ރިސޯޓަށް ގެންގޮދިޔައީ ކަމަށެވެ.
ރޭގެ ވަގުތެއްގައި ކަނޑިންމަ ރިސޯޓުގެ ޑިކޮމްޕްރެޝަން ޗެމްބަރުގައި ފިރުދައުސްއަށް ފަރުވާދޭން ފަށައިފި ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ކެޔޮޅު ބުންޏެވެ.