leopard-seal

އަނެއްކާވެސް އައްޑޫ ބީޗަށް ސީލް އަރައިފި

އައްޑޫ ސިޓީ ހިތަދޫ ބީޗަށް އަނެއްކާވެސް ސީލް އަރައިފިއެވެ.

ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތެއް ކަމަށްވާ 'ސީލް' އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އައްޑޫ ސިޓީ ހިތަދޫ މޫދަށް އެރޭ ސަރަހައްދުންނެވެ.

ލަފާކުރެވޭ ގޮތުގައި އެ ސީލްގެ ދިގުމިނުގައި އަށެއްކަ ފޫޓު ހުންނާނެއެވެ. މިދިޔަ އާދީއްތަ ދުވަހު ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސީލް ދެފެން ދޭތެރޭގައި އޮތުމަށްފަހު އަޑިއަށް ދެއެވެ. ނަމަވެސް މިއަދު ސީލް އޮތީ ކޮންމެވެސް ވަރަކަށް އެއްގަމުގައެވެ. އަދި މީހަކު ސީލްއަށް މަހެއް ކާންދޭން އުޅޭތަންވެސް ވީޑިއޯއިން ފެނެއެވެ.

ރާއްޖެއިން ސީލް ފެނުމާއެކު، އެއަށް ގޯނާ ނުކުރަން އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެކަމާ ގުޅިގެން އީޕީއޭއިން ބުނެފައި ވަނީ، ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

ސީލް އާއްމުކޮށް އުޅެނީ ފިނި ގައުމުތަކުގައެވެ. އަދި މިއީ ރާއްޖޭގައި އެއްގޮަތަކަށްވެސް އުޅޭ ބާވަތެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!