މަސްވެރިކަމާއި ގުޅޭ

ހަނދުވަރީ ދޯނިން ރަންދޯދި ދޯނި ކަފުޖަހައިގެން ގެންދަނީ -- ފޮޓޯ -- ހަނދުވަރީ އެމްވީ
ހަނދުވަރީ ދޯނިން ރަންދޯދި ދޯނި ކަފުޖަހައިގެން ގެންދަނީ -- ފޮޓޯ -- ހަނދުވަރީ އެމްވީ

ރަންދޯދި ދޯނީގެ އިންޖީނު ހުއްޓުމުން ހަނދުވަރީ ދޯނިން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަމުގައި އުޅެނިކޮށް ރަންދޯދި ދޯނީގެ އިންޖީނު ހުއްޓުމުން ހަނދުވަރީ ދޯނިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރަންދޯދި ދޯންޏަކީ ލ. މާވަށަށް ނިސްބަތްވާ ދޯންޏެކެވެ. އަދި ހަނދުވަރީ ދޯންޏަކީ ގއ. ނިލަންދޫއަށް ނިސްބަތްވާ ދޯންޏެކެވެ. މި ހާދިސާއާ ގުޅިގެން ހަނދުވަރީ ދޯނީގެ މަސްވެރިއަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި، އެ ހާދިސާ ހިނގާފައި ވަނީ މިއަދު 10 ޖަހާ އެހާކަންހާއިރުއެވެ.

އެކަން ހިނގައިދިޔައީ، ހުވަދޫ ކަނޑުގެ މެދުގައި އޮންނަ ސަތޯރާއިން ރަންދޯދި ދޯނިން މަސްބާނައިގެން މަސް ކިރަން ގއ އަށް ދާން އުޅުމުގެ ތެރޭގައި ކަމަށް މަސްވެރިޔާ ބުންޏެވެ.

ހަނދުވަރީ ދޯޏިން ރަންދޯދި ދޯނި ކަފުޖަހައިގެން ގެންދަނީ -- ފޮޓޯ' ހަނދުވަރީ އެމްވީ

"އިންޖީނު ހުއްޓުނީ. އެއީ ތެޔޮ ހޮޅިއެއް ފަޅައިގެން ގޮއްސަ، ތެޔޮ ހުސްވީ އެއްކޮށް. ދެން އެމީހުންނަށް ކިރިޔާ ގޮސް އެކެފަރު ކަނޑުން ވަދެވުނީ، ގއ އަތޮޅަށް. އެމީހުން ތިބީ އެންކަރު ކޮށްގެން. ދެން އެމީހުން އަހަރުންނާ ކޮންޓެކްޓް ކޮށްލައިފި ތަންކޮޅެއް ކުރިން،" ރޭންޖް ލިބޭ ހިސާބު ކަމުން، އެތާ ކައިރީގައި އޮތް ހަނދުވަރީ ދޯނި ކަންތައް ކޮށްދިން ގޮތް މަސްވެރިޔާ ކިޔައިދިނެވެ.

ހަނދުވަރީ ދޯނިން މަސްބާނައިގެން ދަނިކޮށް ލިބުނު ފޯނު ކޯލާއެކު ރަންދޯދި ދޯންޏަށް އެހީތެރިވެދޭން އަވަސްވެގަތީ ކަމަށް މަސްވެރިޔާ ކިޔައިދިނެވެ. ހަނދުވަރީ ދޯނިން މަސްކިރުމައިގެން އުޅުނީ ރަންދޯދި ދޯނި ކޫއްޑޫއަށް ވައްދައިދީފައިި ކަމަށް މަސްވެރިޔާ ބުންޏެވެ.

މިފަދަ ހާލަތްތަކުގައި އެއް ދޯނި އަނެއް ދޯންޏަށް އެހީވެރިވެދިނުން މުހިންމުކަމަށް ފާހަގަ ކުރަމުން މަސްވެރިޔާ ބުނީ، އެއީ މަސްވެރިންގެ ތެރޭގައި އޮންނަ ހާއްސަ ގުޅުމެއް ކަމަށެވެ.

"އަހަރުމެންނަށް ދިމާވާ ކަންތައްތަކުގަ އެހެން މީހުންވެސް އެހީތެރިކަން ފޯރުކޮށްދޭ. ދެން އަހަރުމެން ވެސް ޖެހޭނެ ދެއްތޯ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން،" މަސްވެރިޔާ ބުންޏެވެ.

މީގެ ކުރީގެ ހަނދާނެއް އާކުރަމުން މަސްވެރިޔާ ބުނީ، ހަނދުވަރީ ދޯންޏަށް މީގެ ކުރިން މައްސަލައެއް ދިމާވެގެން، 80 ވަރަކަށް މޭލު ދުރުގައިވާ ދޯނިތަކުން އައިސް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ގިނަ މަސް ދޯނިތަކުން މިފަދައިން އެހީތެރިކަން ފޯރުކޮށްދޭކަމަށް މަސްވެރިޔާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!