މަސްވެރިކަމާއި ގުޅޭ

viber_image_2022-08-09_22-51-06-949

ރީހާން ސާބިތުކޮށްދެމުން ދަނީ، ޒުވާނުންނަށްވެސް މަސްދޯނި ގެންގުޅެވިދާނެކަން!

މަސްވެރިކަމުގައި އުޅޭ ގިނަ ޒުވާނުންނަކީ އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން މަހަށް ދާ މީހުންނެވެ. އެކި ޒުވާނުންގެ ނަޒަރު ހުއްޓެނީ އެކި ބާވަތުގެ މަސްވެރިކަމަށެވެ.

އއ. ރަސްދޫއަށް އުފަން އިބްރާހިމް ރީހާން، 29، އަކީ މަސްދޯންޏެއް ބަލަހައްޓަމުންދާ ޒުވާނެކެވެ. އުމުރުން ގާތްގަނޑަކަށް 13 އަހަރުގައި، ހަފްތާ ބަންދުގައި މަހަށް ގޮސްލާ އުޅުނެވެ. ސްކޫލު ދައުރު ނިމި، ފަތުރުވެރިކަމާއި ކުޅިވަރިގައިވެސް ރީހާން ދުވަސްތަކެއް ހޭދަކުރިއެވެ.

"ގާތްގަނޑަކަށް 2012 ހިސާބުގައި ކުރަން ފަށައިފިން (މަސްވެރިކަން ރަސްމީކޮށް). އެހުރިގޮތަށް، އަދިވެސް ހޭންޑްލައިންގަ، ވަރަށް ކުރީގަ މިއުޅެނީ އިރާދަކުރެއްވިއްޔާ"

ފުޓުބޯޅައިގެ ތެރޭގައި އުޅުމަށްފަހު 2012 ވަނަ އަހަރު ރަސްމީކޮށް ރީހާން ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރަން ފެށިއެވެ. ގިނަ ޒުވާނުންނެކޭ އެއްފަދައިން ރީހާންވެސް ފުރަތަމަ މަހަށް ދިޔައީ ފަޅުވެރިއެއްގެ ގޮތުގައެވެ. ނަމަވެސް ފަޅުވެރިއަކުން، މަސްދޯންޏެއް ހިންގުމުގެ ހިތްވަރު ރީހާން ހޯދީ މީގެ ތިން އަހަރު ކުރިންނެވެ. 85.4 ފޫޓުގެ 'ޖޭން ލައިން' ދޯނި ދުއްވަނީ ރީހާންއާއި އެހެން ދެތިން މީހެއްގެ ލީޑަޝިޕްގެ ދަށުންނެވެ. އެ ދޯނީގައި 15 މީހުން މަސައްކަތް ކުރެއެވެ.

"އަޅުގަނޑުމެންނަށްވެސް އަމިއްލައަށް މިކަން ކުރެވޭނެކަން މުޖުތަަމައަށް ދައްކަން އަޅުގަނޑު ބޭނުންވީ. ޒުވާނުންނަށްވެސް މިކަން ކުރެވޭނެކަން ޒުވާނުންނަށް ދައްކަން އަޅުގަނޑު ބޭނުންވީ" ޒުވާނުންނަށްވެސް މަސްވެރިކަން ލީޑް ކުރެވޭނެކަން ސާބިތުކޮށްދެއްވިއްޖެކަމަށް އުންމީދުކުރާ ކަމަށް ރީހާން ބުންޏެވެ.

 

އިބްރާހިމް ރީހާން -- ފޮޓޯ/ ޔެލޯފިން މޯލްޑިވްސް އިންސްޓަގްރާމް

"މަޑުމަޑުން މަސްވެރިކަމުގެ ތެރޭގައި އުޅެމުން އުޅެމުން އައިސް، ބޮޑުކަންނެލީގެ މަސްވެރިކަމުގައި މިހާހިސާބަށް އައިއިރު، އެހެން ބައެއްގެ ތެރޭގައި މަސައްކަތް ކުރަމުން، މިއަދު ލީޑްކުރާ ލެވެލްގަ މިހުރީ. އެހެންމަ ވަރަށް ހެޕީއޭ ބުނެވޭނީ،" މަސްވެރިކަމުން ކުރިއަށް ދެވިފައި ހުރި ހިސާބު ކިޔައިދެމުން ރީހާން ބުންޏެވެ.

ރީހާން ބުނިގޮތުގައި، ރާއްޖޭގައި މަސްވެރިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. މަސްވެރިންނަށް ސަރުކާރުގެ ފަރާތުން އެކަށީގެންވާ ސްޕޯޓް ނުލިބޭކަންވެސް ރީހާން ފާހަގަ ކުރިއެވެ.

މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ނުލިބެއެކޭ ނުބުނެވޭނެ ކަމަށާއި ނަމަވެސް އެކަމަކު ހުރިހާ ކަމެއްގައިވެސް މަސްވެރިންނަށް ދަތިތަކާ ކުރިމަތިވާކަމަށް އޭނާ ބުންޏެވެ.

ރީހާން ފާހަގަ ކުރިގޮތުގައި، ސަރުކާރުގެ ތެރެއިންނާއި ބޭންކުގެ ނިޒާމާއި އިންޝޫރަންސްގެ ކަންކަމުގައިވެސް މަސްވެރިންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ. މީގެކުރިން ބީއެމްއެލް ކާޑު ހަދައި، އެކަންވެސް ކުރިއަށް ނުދިޔަކަން އޭނާ ފާހަގަކުރިއެވެ.

މިހާރު މަސްވެރިކަން ދަށްވުމާއި ތެޔޮ އަގުބޮޑުވުން ފަދަ ކަންކަމާހެދި، އަތު ނަނުގެ މަސްވެރިކަން ދަށްވަމުން ދާކަމަކީ ރީހާންވެސް ކަންބޮޑުވާ ކަމެކެވެ.

މަސްވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ދަތިތަކުގެ ތެރޭގައި ޑީސަލްގެ އަގު ބޮޑުވުން ހިމެނޭއިރު، ބޭރުގެ މާކެޓުގައި ޑީސަލްގެ އަގު ދަށްވި ނަމަވެސް ރާއްޖޭގައި އަގު ދަށެއް ނުވާކަމީ ރީހާންގެ ކަންބޮޑުވުމެކެވެ.

މީގެ އިތުރުން، އައިސްޕްލާންޓްތައް ރަނގަޅަށް މަސައްކަތް ނުކުރަނީ ކީއްވެތޯއާއި މަސްކިރާ ކުންފުނިތަކުން މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ނުދެވެނީ ކީއްވެތޯ، އަދި ބަނދަރުތަކުން މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވެނީ ކީއްވެގެންތޯމިއީ ރީހާންގެ ހިތުގައި އަބަދުވެސް އުފެދޭ ޝަކުވާތެކެވެ.

މިފަދަ އެތައް ސަބަބުތަކަކާ ގުޅިގެން، މިހާރު މަސްވެރިކަމުގެ ކަންތައްތައް ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައިވާކަމަށް ރީހާން ގަބޫލު ކުރެއެވެ. ކަންތައްތައް މިފަދައިން ދާނަމަ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު ކަންނެލީގެ މަސްވެރިކަމުގެ ގާތްގަނޑަކަށް 65 ޕަސެންޓް މަދުވެގެން ދާނެ ކަމަށް ވެސް އޭނާ ލަފާކުރެއެވެ.

މަސްވެރިކަމުގެ ކަންތައްތައް މިފަދައިން ހުރި ނަމަވެސް، މަސްވެރިކަމަކީ، އާއިލާއަށްފަހު ރީހާންގެ ދިރިއުޅުމުގައި އެންމެ މުހިންމު ކަންތައްކަމަށް އޭނާ ބުނެއެވެ.

"މީ ހަމަ ސަޅިކަމެއް ކުރަން"

އެހެންކަމުން ހުރިހާ ދަތިތަކާއެކުވެސް، މަސްވެރިކަން ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް އަދި އޭނާގެ ނެތެވެ.

"އަޅުގަނޑު ވަރަށް އިންޓްރަސްޓް ހުންނަ ކަމެއް ޔެލޯފިން އަކީ. ޔެލޯފިން ދޫކޮށްލާކަށް އަދި ހިޔާލެއް ނެތް. އެއީ، އަޅުގަނޑުގެ ބަކެޓް ލިސްޓުގަވެސް އެބަހުރި އަދި ވަރަށް ބައިވަރު މަސް ބާނަން. މިބުނީ ޕެލާޖިކް ކަހަލަ، ބްލޫފިން ކަހަލަ އެއްޗެހި، ރާއްޖޭން ބޭރުގަ ގޮސް ބާނާލުމަކީ އަޅުގަނޑުގެ ޑްރީމްއެއް"

މަސްވެރިކަމުގައި ރީހާންގެ އުންމީދުތައް ވަރަށް ގިނައެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ސާފެވެ. ދޯންޏެއްގެ ހިންގުމުގެ ކަންކަން ކުރަމުންދާ މި ޒުވާނާއަށް މިހާރު އެންމެ ގިނަ ކެޔޮޅުން ކުރާ ސުވާލަކީ، އަމިއްލަ ދޯންޏެއް ދުއްވާނީ ކޮން ދުވަހަކުންތޯއެވެ.

އަމިއްލަ ދޯންޏެއް ބަންނަން ވަރަށްގިނަ މަސްވެރިންނާއި ކެޔޮޅުން ލަފާދޭ ނަމަވެސް އެކަން އެގޮތަށް ވާނި މިހާރު ނެތީ، އެވަރުގެ ބަޖެޓެއް ނެތުމުންނެވެ.

"ދެކެން ބޭނުންވާ ދުވަހެއް. އަދި އިރާދަކުރެއްވިއްޔާ ފެނިވެސް ދާނެ ކުރިއަށް އޮތް ތާނގައި"

މަސްވެރިކަމުުގެ ކުރިމަގަށް ކުރާ އުންމީދަކީ، މި ދާއިރާއިން ދެވޭނެ އެންމެ ކުރިއަކަށް ދިއުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!