ގދ.އަތޮޅު ފިޔޯރީ ކައިރީގައި އަޅާފައި އޮންނަ މަސް ބޮއެ ކެނޑުނުކަމެއް ކައުންސިލަކުން ނުވަތަ މަސްވެރިއަކުވެސް އަންގާފައި ނުވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޔޯރީ ބޮއެ ކަނޑައިގެން ދިޔަތާ ދެ މަސްދުސް ވެގެން ދިޔައިރުވެސް އެސަރަހައްދުގައި އަލުން ބޮއެއް އަޅާފައި ނުވާތީ އެސަރަހައްދުގެ މަސްވެރިންނަށް ދަތިތައް ކުރިމަތިވެ، މިިދިޔަ ހަފްތާގައިވެސް މަސްވެރިން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.
މި ބޮއެއަކީ ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފަރެސްމާތޮޑާ އާއި ފިޔޯރީ އަދި ރަތަފަންދޫގެ އިތުރުން ވާދޫގެ މަސްވެރިން ވެސް އެންމެ އާއްމުކޮށް ބޭނުން ކުރަމުން އަންނަ ބޮއެއެވެ.
'މަސްވެރިން އޮންލައިން' އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީން ބުނީ، ފިޔޯރީ ބޮއެ ކެނޑުނުކަން މިނިސްޓްރީއަށް އެނގިފައި ނުވާކަމަށެވެ.
"އެކަން މިނިސްޓްރީން ކުރާ ގޮތަކީ، (ބޮއެ) ކަނޑައިގެން ދިޔައީމަ، އެ ސަރަހައްދެއްގެ ކައުންސިލުން ނޫނީ މަސްވެރިން، އާއްމުކޮށް މަސްވެރިން ކައުންސިލް ތްރޫކޮށް އަންގާނީ. ދެން އެގޮތަށްވެސް އެއްވެސް ކަހަލަ އެންގުމެއް މިކޮޅަކަށް ލިބިފައެއް ނެތް،" މިނިސްޓްރީން ބުންޏެވެ.
ބޮއެ ކަނޑަގައިގެން ދިއުމާ ގުޅިގެން، ފަރެސްމާތޮޑާގެ މަސްވެރިޔަކު މިިދިޔަ ހަފްތާގެ ތެރޭގައި މިނޫހަށް މައުލޫމާތު ދެމުން ބުނީ ގދ.އަތޮޅުގައި އޮންނަ މަސްވެރިކަން އެންމެ ރަނގަޅު އެއްބޮއެ ކަނޑައިގެން ގޮސް ގިނަ ދުވަސްތަކެއް ވުމުން އެސަރަހައްދާއި އަދި މުޅި އަތޮޅުގެ މަސްވެރިންނަށް ވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ބޮއެ ކެނޑިފައި ވަނީ ހުޅަނގުގެ ގަދައިގެ ތެރޭގައެވެ.
"ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވޭ. ފަރެސްމާތޮޑާއަކީ މަސްވެރި އާއިލާތަކެއް އެޅޭ، ވަރަށް މަސްވެރިކަން ކުރާ، އާއްމުކޮށް ހުވަދުއަތޮޅުގެ އެންމެ މަސްވެރިކަން ރަނގަޅު ރަށަށް ވެފަ، ފިޔޯފީ ކަނޑަށްވާތީ ފިޔޯރީ ބޮއެގެ ނަން ދީފަ އިނަކަސް ފަރެސްމާތޮޑާއާ ދިމާއަށް ގާތްގަނޑަކަށް އިންނަ ބޮއެއެއް އެއީ. އެ ބޮއެ އެތާ އޮތުމުގެ ސަބަބުން ފަރެސްމާތޮޑާ މަސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހަތަކެއްވޭ،" ފަރެސްމާތޮޑާ ކެޔޮޅަކު ކިޔައިދިނެވެ.
ފިޔޯރީ ބޮއެ އޮންނަ ލޮކޭޝަންގައި މަސްވެރިކަން ރަނގަޅުކަން ފާހަގަ ކުރަމުން ކެޔޮޅު ބުނީ ބޮއެ ކެނޑުމާ ގުޅިގެން މަސްވެރިންނަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ.
ފަރެސްމާތޮޑާއަކީ މަސްވެރިރަށެއްކަމުން، މިފަދަ ކަންކަން ހިނގުމުން ކައުންސިލަށް ރަސްމީކޮށް ނޭނގި ނަމަވެސް ކޮފީ މޭޒުތަކުން ކައުންސިލަށްވެސް މިކަން އެނގޭނެކަމަށް އޭރު ކެޔޮޅު މައުލޫމާތުދިނެވެ.