ގއ. ދާންދޫގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން އައިސްޕްލާންޓް ކުރިމަތީ ޖެޓީ ސީޓްޕައިލް ޖެހުމުގެ މަސައްކަތް ކުރިޔަށް ދާއިރު، އައިސްޕްލާންޓްއިން މަސްވެރިންނަށް ފޯރުކޮށްދެމުންދާ ހިދުމަތް މެދުނުކެނޑި ކުރިޔަށް ދެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ކޫއްޑޫގެ މެނޭޖްމެންޓްގެ ފަރާތުން ދާންދޫ އައިސްޕްލާންޓްގެ ޓީމާއި ދާންދޫ ކައުންސިލް ޓީމާއެކު މަޝްވަރާ ބައްދަލުމެއް ކުރިއަށ ގެންގޮސްފިއެވެ.
ދާންދޫގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ދާންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 529 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 333މީޓަރުގައި ބޭރު ތޮށި ލުހުމާއި، 370 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.
ދާންދޫ ބަނދަރު ތަރައްޤީކުރަނީ އެންމެ ޒަމާނީ ފަރުމާއަށެވެ.
ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގައި 100މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށްވެސްވަނީ ހިމަނާފައެވެ. އަދި ބަނދަރުގެ އެއްގަމު ތޮއްޓާ ބޭރު ތޮށި ގުޅާލުމަށް 30މީޓަރު ދިގު 4މީޓަރު ފުޅާ ބްރިޖެއްވެސް ހަދާނެއެވެ.
ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 70.8މިލިއަން ރުފިޔާއަށެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ފުރިހަމަކުރުމަށް އެއްބަސްވެފައިވަނީ 1 އަހަރާ 4 މަސް ދުވަހުންނެވެ.
ބަނދަރާ، ކުނި ބާޖާއި ކޮޅުވެއްޓި ކައިރިކުރުމަށް 10 މީޓަރުގެ ރޭމްޕެއް ހެދުންވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ދާންދޫ ބަނދަރުގެ މަސައްކަތް ނިމޭއިރު ވެގެން ދާނީ، ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑެތި ބަނދަރުތަކުގެ ތެރެއިން ބަނދަރަކަށެވެ.