އިންޖީނު ހުއްޓުމުގެ ސަަބަބުން ބެހިގެން ދިޔަ އިންޑޮނޭޝިއާގެ ދެ މަސްވެރިން ފްލިޕީންސްގެ ކަނޑު ސަރަޙައްދުން ފެނިއްޖެއެވެ.
އެ ދެމީހުން ފެނިފައިވަނީ ގެއްލުނުތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވިި ފަހުންނެވެ. އެގޮތުން އެމީހުން ކަނޑުމަތިން ސަލާމަތްކޮށްފައިވަނީ ފިލިޕީންސްގެ މަސް ބޯޓެއް ކަމަށްވާ އެޓްލާންޓިސް ފިޝިން ކޯރޕުންނެވެ.
ސަލާމަތްކޮށްފައިވާ އިންޑޮނޭޝިއާގެ މަސްވެރިންނަކީ، ބުޙާރީ މަންޑޭ، 46އ އަދި އަބްދުލް ރަޙުމާން މަންޑޭ، 30އ އެވެ.
އެމީހުން ބުނިގޮތުން ކަނޑުމަތީގައި ގެއްލެން މެދުވެރިވީ އެމީހުންގެ ދޯނީގެ އިންޖީނު ހުއްޓި، މޫސުން ގޯސްވުމުން ބެހިގެން ދިޔުމުންނެވެ. އަދި ދޯނީގެ ނެވިގޭޝަންގެ އެއްްވެސް ސާމާނެއް ނެތުމުންވެސް އަނބުރާދާނެ މަގުވެސް ނޭގުނީ ކަމަށް އެމީހުން ބުންޏެވެ.
ފިލިޕީސްގެ މަސް ބޯޓުން އެމީހުން ވަނީ އެޤައުމުގެ ކޯސްޓުގާޑާއި ހަވާލުކޮށްފައެވެ. އަދި އެމީހުން ސިއްޙީ ހާލަތު ހުރި ގޮތް ބެލުމަށްފަހު، ބޭނުންވާ އަވަސް ފަރުވާތައްވަނީ ދީފަައެވެ.
އަދި ފިލިޕީންސްގައި ހުންނަ އިންޑޮނޭޝިއާގެ ކޮންސިއުލޭޓު އޮފީހާއި އެމީހުން މިހާރު ވަނީ ހަވާލުކޮށްފައެވެ.