ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ

މަސްވެރިކަމުގެ ގާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުން ހިމެނޭ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 13 މަޤުޞަދެއްވެއެވެ. މަސްވެރިންނާއި އަދި އާއްމު ފަރާތްތަކަށްވެސް މި މަޤުޞަދުތައް އެނގުން މުހިންމެވެ.

އެގޮތުން މަސްވެރިކަމުގެ ގާނޫނުގެ ފުރަތަމަ މަގުސަދެއްގެ ގޮތުގައި ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މަގުފަހި ކޮށްދިނުމެވެ.

ދެވަނަ މަގުސަދެއް ގޮތުގައި ގާނޫނުގައި ބަޔާން ކޮށަފައި ވަނީ، ހަމަހަމަކަމާއި ހެޔޮވެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލު ރައްކާތެރިކޮށް، ހިންގައި ބެލެހެއްޓުމާ ގުޅޭ އޮނިގަނޑެއް އެކަށައެޅުމެވެ.

މީގެ އިތުރުން، އެކުއަކަލްޗަރގެ ސިނާއަތް ތަރައްގީކޮށް، ހިންގައި ބެލެހެއްޓުމަށްޓަކައި ފުރިހަމަ ނިޒާމެއް އެކުލަވާލައި އިގްތިސޯދީ ތަރައްގީއަށް މަގުފަހި ކުރުމަކީވެސް މި ގާނޫނުގެ މަގުސަދެކެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ބެހެލެއްޓުމެއްނެތި، އަދި ރިޕޯޓް ކުރުމެއް ނެތި ކުރާ މަސްވެރިކަން (އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައިޔޫޔޫ) ފިޝިން) ހުއްޓުވުމާ ގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން އެކުލަބާލަން ޖެހެއެެވެ.

އަދި ހަމައެޔާއާއެކު، މަސްވެރިކަމާއި، މަސްވެރިކަމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުގެ ގޮތުން ދިވެހިރާއްޖެއިން ތަންފީޒު ކުރަންޖެހޭ ކަންކަން ތަންފީޒު ކުރުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުންވެސް މި ގާނޫނުގެ ދަށުން ލާޒިމު ކުރެއެވެ.

މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާއިނަފާ ހޯދުމަށް އެހީތެރިވެދިނުމަކީވެސް މި ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ.

މީގެ އިތުރުން، ޒުވާނުން މަސްވެރިކަމަށް އަހުލުވެރި ކުރުވައި، އެ ފަރާތްތައް މަސްވެރިކަމަށް ނެރުމަށް ހިތްވަރު ދިނުމާއި މަސްވެރިކަމުގެ ސިނާއަތުގައި ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއެކު ހަރަކާތްތެރިވުމަށް ބާރުއަޅައި، އެކަމަށް މަގުފަހިކުރުމަށް ގާނޫނުގައި ބުނެއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބުނާގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލަން ޖެހެއެވެ. އަދި މަސްވެރިންގެ ހައްގުތައް ރައްކާތެރި ކޮށްދީ، މަސްވެރިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދޭން ޖެހެއެވެ.

މަސްވެރިކަމުގެ ގާނޫނުގެ މަގުސަތުގެ 10 ވަނަ ކަމަކަށް ބަޔާންކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ މަސްދޯނިފަހަރު ދިވެހިރާއްޖެއިން ބޭރަށްގޮސް، ބޭރުގެ ބާޒާރުތަކުގައި މަސްވިއްކުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި ގާނޫނުގައި ވާގޮތުން، ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު ފެކްޓްރީ ގާއިމު ކުރުމަށް މަގުފަހި ކުރުމާއި ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އޮފްޝޯ ޕްލެޓްފޯމު ގާއިމު ކުރުމަށް ފުރުސަތު ހޯދައިދިނުމާއި ރާއްޖޭގައި މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމަށް މަގުފަހިކުރަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!