މަސްވެރިކަމާއި ގުޅޭ

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ސީރީސް (އެމް.އެމް.އެސް.އެސް) ގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ސީރީސް (އެމް.އެމް.އެސް.އެސް) ގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ސީރީސްގެ ހަތަރު ވަނަ އިވެންޓް ފަށައިފި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން އިސްނަގައިގެން ދެ އަހަރުން އެއްއަހަރު ބާއްވަމުން ގެންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ސީރީސް (އެމްއެމްއެސްއެސް) ގެ ހަތަރު ވަނަ އިވެންޓް، އިއްޔެ ފަށައިފިއެވެ.

މި އިވެންޓް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ.

މިއީ 2016 ވަނަ އަހަރުން ފެށިގެން އެ އިންސްޓިޓިއުޓްއިން އިންތިޒާމް ކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.

މި ސިމްޕޯސިއަމް ސީރީސް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ކަނޑާއި ފަޅުތަކުގެ ވަސީލަތްތައް އަދި އެ މާހައުލުތަކުގެ ދިރުންތަކާއި ގުޅޭގޮތުން އެކި ފަރާތްތަކުން ކުރަމުންގެންދާ ދިރާސާ މަސަތްކަތްތައް، އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށެވެ. ދެ ދުވަހަށް ބަހާލެވިގެން ބޭއްވޭ މި ސިމްޕޯސިއަމްގައި ހުށަހެޅިގެންދާ ޖުމްލަ 48 ދިރާސާގެ ތެރޭގައި 34 ޕްރެޒްންޓޭޝަނާއި 14 ޕޯސްޓަރ ހިމެނެއެވެ.

މި އަހަރުގެ ސިމްޕޯސިއަމްގައި ހުށަހެޅޭނެ ދިރާސާތަކުގެ ތެރޭގައި 'ކޮރަލްސް އެންޑް ކޮރަލް ރެސްޓޮރޭޝަން'، 'ރީފް އިކޮލޮޖީ'، 'މެރިން މެގަ-ފައުނާ'، ސީގްރާސް އެންޑް މެންގްރޫވްސް'، 'ފިޝަރީޒް އެންޑް މެނޭޖްމަންޓް' އަދި 'ޕްލާސްޓިކް ޕޮލިއުޝަން' ހިމެނެއެވެ.

އެހެން އަހަރުތަކާއި އެއްފަދައިން، މި އަހަރުގެ އެމްއެމްއެސް ގައިވެސް ދިވެހިރާއްޖޭގައި ކުރެވޭ ކަނޑުފަޅުގެ ދިރާސާތައް ހުށަހެޅުމުގައި ދިވެހިރާއްޖޭގެ ދިރާސާކުރާ ފަރާތްތަކާއި ޖަމްއިއްޔާތަކާއި ބައިނަލަޤްވާމީ ޖަމްއިއްޔާތަކާއި ޔުނިވަސިޓީތައްވެސް ހިމެނިގެންދެއެވެ.

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ސީރީސް (އެމް.އެމް.އެސް.އެސް) ގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މި ސިމްޕޯސިއަމް އިފްތިތާޙު ކުރައްވައި ވާހަކަ ދައްކަވަމުން އެމްއެމްއާރްއައިގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމް ވަނީ މި ސިމްޕޯސިއަމް އަށް ކޮންމެ އަހަރަކު ލިބެމުންދާ ތަރުހީބު ފާހަގަކޮށް، އަދި މި ސިމްޕޯސިއަމް ރާވައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ބުރަމަސައްކަތް ފާހަގަ ކުރައްވާ ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން މިފަދަ ސިމްޕޯސިއަމްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޒުވާން ޖީލަށް މެރިން ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ހިތްވަރު ލިބޭކަންވެސް ފާހަގަ ކުރެއްވިއެެ.

ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ހާޒިރީންނާއި މުޚާތަބު ކުރައްވަމުން، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާއި، މިކަމަށް މާހައުލުތަކާއި ގުޅުންހުރި ކަންކަން ދެނެގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.  އަދި މިފަދަ ސިމްޕޯސިއަމްތަކުގެ ސަބަބު ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގެ ފެންވަރުގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އެހީތެރި ވެދޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިމްޕޯސިއަމްގެ ސައިންޓިފިކް ކޮމިޓީގެ ފަރާތުން، ރާއްޖޭގައި ފަރުތަކުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ. ޢަބްދުﷲ ނަޞީރު ވާހަކަފުޅު ދެއްކެވިއެވެ. ޑރ. ނަސީރުގެ ވާހަކަފުޅުގައިވެސް، ސިޔާސަތުތަކަށް ބޭނުންވާ ސައިންސުގެ މަސައްކަތްތައް ކުރުމުގެ މުހިންމުކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާހައުލީ ނިޒާމުގެ ކަންކަން ދެނެގަތުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

މި ސިމްޕޯސިއަމްގައި އޮންލައިންކޮށް ބައިވެރިވުމަށް ރެޖިސްޓާރ ވުމާއި، ސިމްޕޯޒިއަމްގައި ހުށެހެޅޭ ޕްރެޒެންޓޭޝަންތަކުގެ ޝެޑިއުލް އަދި ދިރާސާތަކުގެ ހުލާސާ މައުލޫމާތު އެކުލެވޭ ފޮތް، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ވެބްސައިޓް އިން (https://mrc.gov.mv/en/symposia/mmss2022/) ލިބެން ހުންނާނެއެވެ.

ސިމްޕޯޒިއަމްއާއި ގުޅުންހުރި އިތުރު މައުލޫމާތު ސާފުކުރުމަށް (symposia@mmri.gov.mv) އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!