މަސްވެރިކަމާއި ގުޅޭ

ހަނދުވަރީ ދޯނިން ރަންދޯދި ދޯނި ކަފުޖަހައިގެން ގެންދަނީ -- ފޮޓޯ -- ހަނދުވަރީ އެމްވީ
ހަނދުވަރީ ދޯނިން ރަންދޯދި ދޯނި ކަފުޖަހައިގެން ގެންދަނީ -- ފޮޓޯ -- ހަނދުވަރީ އެމްވީ

ހަނދުވަރީ ދޯނީގެ އިންޖީނަށް މައްސަލައެއް ދިމާވުމުން ފަހިރޯދި ދޯނިން އެހީތެރިކަން ފޯރުކޮށްދީފި

ހަނދުވަރީ ދޯނީގެ އިންޖީނަށް މައްސަލައެއް ދިމާވުމުން ފަހިރޯދި ދޯނިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ިއއްޔެގެ ވަގުތެއްގައެވެ.

ހަނދުވަވީ އެމްވީއިން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނ،ީ ލ. އަތޮތު އިރުމަތީ ފަޅިން 14 ނޯޓިކަލް ބޭރުން، އެ ދޯނީގެ އިންޖީނުގެ ފްރެޝްވޯޓަރ ޕަންޕް އަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެހީތެރިކަމަށް އެދި ލ. މާވަށު / ފަހިރޯދި ދޯންޏަށް ގުޅުމުން، ލަސްވުމެއް ނެތި އައިސް ކަފު ޖަހާ ލ. ގަމުތުނޑީ ބަނދަރަށް ވައްދާދީފައިވާ ކަމަށެވެ.

ފަހިރޯދި ދޯނިން ވެދިން އެހީތެރިކަމަށްޓަކައި ފަހިރޯދި ދޯނީގެ އެންމެހައި ފަޅުވެރިންނަށާއި ކެޔޮޅަށް އަދި ޙާއްސަކޮށް އޮޑިވެރިޔާއަށް، ހަނދުވަރީ ދޯނިން ވަނީ ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ.

މިދިޔަ ހަފްތާތެރޭގައި މަސްވެރިކަމުގައި އުޅެނިކޮށް، ލ. މާވަށު ރަންދޯދި ދޯނީގެ އިންޖީނު ހުއްޓުމުން ހަނދުވަރީ ދޯނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަނދުވަރީ ދޯންޏަކީ ގއ. ނިލަންދޫއަށް ނިސްބަތްވާ ދޯންޏެކެވެ. އެ ހާދިސާއާ ގުޅިގެން ހަނދުވަރީ ދޯނީގެ މަސްވެރިއަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި، އެކަން ހިނގައިދިޔައީ، ހުވަދޫ ކަނޑުގެ މެދުގައި އޮންނަ ސަތޯރާއިން ރަންދޯދި ދޯނިން މަސްބާނައިގެން މަސް ކިރަން ގއ އަށް ދާން އުޅުމުގެ ތެރޭގައެވެ.

ހަނދުވަރީ ދޯނިން ރަންދޯދި ދޯނި ކަފުޖަހައިގެން ގެންދަނީ -- ފޮޓޯ' ހަނދުވަރީ އެމްވީ

މިފަދަ ހާލަތްތަކުގައި އެއް ދޯނި އަނެއް ދޯންޏަށް އެހީވެރިވެދިނުން މުހިންމުކަމަށް ފާހަގަ ކުރަމުން މަސްވެރިޔާ ބުނީ، އެއީ މަސްވެރިންގެ ތެރޭގައި އޮންނަ ހާއްސަ ގުޅުމެއް ކަމަށެވެ.

"އަހަރުމެންނަށް ދިމާވާ ކަންތައްތަކުގަ އެހެން މީހުންވެސް އެހީތެރިކަން ފޯރުކޮށްދޭ. ދެން އަހަރުމެން ވެސް ޖެހޭނެ ދެއްތޯ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން،" މަސްވެރިޔާ ބުންޏެވެ.

މީގެ ކުރީގެ ހަނދާނެއް އާކުރަމުން މަސްވެރިޔާ ބުނީ، ހަނދުވަރީ ދޯންޏަށް މީގެ ކުރިން މައްސަލައެއް ދިމާވެގެން، 80 ވަރަކަށް މޭލު ދުރުގައިވާ ދޯނިތަކުން އައިސް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ގިނަ މަސް ދޯނިތަކުން މިފަދައިން އެހީތެރިކަން ފޯރުކޮށްދޭކަމަށް މަސްވެރިޔާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!