ވިއްކާލާ މަސްވެރި އުޅަނދު
ވިއްކާލާ މަސްވެރި އުޅަނދު

މަސްވެރިކަން ކުރާހިތުން އޮޑި ބަނދެ، މަހަށް ނުފުރިގެން ގާސިމުގެ އޮޑި ވިއްކާލަނީ

މަސްވެރިކަން ކުރާހިތުން އޮޑި ބަނދެ، މަހަށް ނުފުރިގެން، ހއ. އިހަވަންދޫ، މުރަނގަމާގޭ އިބްރާހިމް ގާސިމްގެ މަސްވެރި އޮޑި ވިއްކާލަން އޭނާ ނިންމައިފިއެވެ.

މީގެ ދެއަހަރެއްހާ ދުވަސް ކުރިން ގާސިމް އަމިއްލައަށް މި އޮޑި ބަނީ، މަސްވެރިކަން ކުރާހިތުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މަސްވެރިކަން ކުރާހިތުން ބަތް އޮޑިއެއް. އަބަދުވެސް އަމިއްލައަށް ކެޔޮޅުކަން މި ކުރީ މިހާހިސާބަށް އައިއިރުވެސް" ގާސިމް ބުންޏެވެ.

"ވިއްކާލަނީ މިތަނުގަ ދުއްވެން ނެތިގެން. މިހާރު ވެފަ މިއޮތް ގޮތަކީ، ރިސޯޓުތަކަށް މީހުން ގޮސްގެން، މަހަށް ނުފުރިގެން އޮޑި ވިއްކާލަން އޭނީ ޖަހާފަ މިހާރު،" އޮޑި ފަޅުގައި އޮވެ ހަލާކު ވުމަށްވުރެ، ކުރެވޭ ބަޔަކު ގެންގޮސްގެން މަސްވެރިކަން ކުރުން މާ ރަނގަޅުވާނެ ކަމަށް ގާސިމް ފާހަގަ ކުރިއެވެ.

އުމުރުން 60ގެ އަހަރުތައް ގުނަމުންދާ ގާސިމު ބުނީ، އުމުރުންވެސް މަތިވެފައި ވާތީއާއި ދަރިން ބޮޑެތިވެފައި ވާތީ، ގިނައިރު ކަނޑުމަތީގައި އުޅެން ދަރިން އެހާ ގަބޫލު ނޫން ކަމަށެވެ. އެހެންކަމުން މިހާރު އޭނާ މަސްވެރިކަން ނުކުރާ ކަމަށެވެ.

ގާސިމް ބުނީ، ދޯނީގައި ހައެއް ނޫނީ އަށް ވަރަކަށް މީހުންނަށް އުޅެވޭނެ ކަމަށާއި ކައްކާ ކެވޭނެ ގޮތާއި ފާޚާނާ ހުންނާނެ ކަމަށެވެ.

މީގެ ކުދިން ހަނިމާދޫގައި، ހަނިމާދޫ މީހުންވެސް ދުއްވި މި އުޅަނދު ބަނުމަށްޓަކައި ފަހުން ދައްކާ ގޮތަށް އިހަވަންދޫ ބައެއް މީހުން އަތުން ގާސިމު ވަނީ ފައިސާ ނަގާފައެވެ. ނަމަވެސް ދެ އަހަރު ވީއިރުވެސް ރަނގަޅަށް މަސްވެރިކަން ނުކުރެވުމުން، އަދި މީހުން އަތުން ނަގާފައިވާ ފައިސާ ދައްކާ ޚަލާސް ކުރެވިފައި ނުވުމުން، ދޯނި ވިއްކާލަނީކަމަށް ގާސިމު ބުންޏެވެ.

"މީހުންނަަށް ދަރާފަ އޮތްލެއް ބޮޑުކަމުން ދޯނި ވިއްކަން މި ޖެހެނީ. މަހަށް ނުދެވެންޏާ، ދަރަނިގަނޑެއްގަ އޮވެފަ އަޅުގަނޑު މަރުވެދާނެ. އެހެންވެގެން އަވަހަށް ވިއްކާލަން މި މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ،" ގާސިމު ބުންޏެވެ.

"ނުލިބޭ އެކައްޗެއްވެސް. ލިބޭނަމަ، މީހަކު އާމްދަނީ ހޯދަން ކޮށްފަ އޮތް މަސައްކަތެއް ނުވިއްކާނެއްނު،" އުޅަނދުން އާމްދަނީ ނުލިބޭކަން ފާހަގަ ކުރަމުން ގާސިމު ބުންޏެވެ.

ދޯނި ވިއްކާލުމަށްޓަކައި ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ވާގޮތުން، ވިއްކާލާ މަސްވެރި އުޅަނދުގެ ދިގުމިނުގައި 50 ފޫޓު، ފުޅާމިން 17 ފޫޓު ހުންނާނެއެވެ. އަދި އުޅަނދު ވިއްކާލަނީ 115 ހޯސްޕަވަރުގެ ޔަންމާ އިންޖީނަކާއެކުގައެވެ.

ދޯނި ވިއްކާލަން ހަމަޖެހިފައި ވަނީ ދެފަރާތް ވާހަކަ ދައްކައި، ދެފަރާތް އެއްބަސްވާ އަގަކަށެވެ.

ވެރިފަރާތުގެ ފޯނުނަންބަރު: 7544338

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މުޅި ދުނިޔެއަށް އަންނަ ޓުރެންޑެއް، އިހަވަންދޫއަށް ވެސް އަންނާނެތާ.. ތަންކޮޅެއް ލަހީ އައިލެއް.. އެހެން ރަށް ރަށަށް ވުރެއް ލަސްވާނެ ޒަމާނީ ޓުރެންޑުތަށް އިހަވަންދޫއަށް އަންނަލެއް.. ޒުވާނުން ބޮޑަށް ރިސޯޓް އަދި ސަރވިސް އިންޑަސްޓްރީގަ މިހާރު އުޅެނީ..