އިއްޔެ މަސްވެރިންގެ ސަމާލުކަން ދަމައިގަތް ހާދިސާއަކީ “ދޫރެސް" ދޯނީގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދިން ހަބަރެވެ. މިފަދަ ހާދިސާއެއް މި ހިނގީ ހަމައެކަނި އިއްޔެއަކު ނޫނެވެ. މިއީ ދޭތެރެެ ދޭތެރެއިން ހިނގާ ހާދިސާއެކެވެ.
މިފަދަ ބައެއް ހާދިސާ ތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަކީ، ހދ. ކުޅުދުއްފުށީ ބޮއި ކައިރިން މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ދޯނީގެ 35 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅި ހެރުނު ދުވަހެވެ. މާރޗް ހަތް ވަނަ ދުވަހަކީ ޅ. އަތޮޅު މުލީ ބޮއި ކައިރީގައި މަސްވެރިކަން ކުރަމުންދިޔަ "ރުއްކުރި" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅި ހެރުނު ދުވަހެވެ. މީގެއިތުރުން، މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހަކީ، ގއ. ވިލިނގިލި 10 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ‘ކަޅިރަވަ’ ދޯނީގައި ހުރި 47 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުނު ދުވަހެވެ. މިއީ ނިސްބަތުން މަދު ހާދިސާތައް ނަމަވެސް މިފަދަ ހާދިސާތަކުން އަގު ނުކުރެވޭ ގެއްލުންތައް މަސްވެރިންނަށް ލިބެއެވެ.
މިފަދަ ހާދިސާތަކުން ފޫ ނުބެއްދޭވަރުގެ ގެއްލުންތައް:
މަސްވެރިންގެ މިފަދަ ހާދިސާތަކާ ގުޅިގެން މި ނޫހަށް މައުލޫމާތު ދިން މަސްވެރިއަކު ބުނީ، ލޮލަށް ބުޅި ހެރުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ ހާލަތާއެކު ހަތަރު ފަސް މަސް ދުވަސް ވަންދެން ނުވަތަ ބައެއް ފަހަރު އުމުރު ދުވަހުވެސް މަހަށް ނުގޮސް ހުންނަން ޖެހިދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ފައިސާ ނުލިބި، މުޅި އާއިލާ ބިކަވުން ފަދަ ހިތާމަވެރި ކަންކަމާ ކުރިމަތިވާ ކަމަށެވެ.
"މީގެ ތިންމަސް ކުރިން ޕެންޝަނަށް ނަގައިދިނިން ޑޭޓާއެއް، ލޮލުގަ ބުޅިން ޖެހުމާ ދޯނިފަހަރު އެކްސިޑެންޓްވުމާ ފަދަ އެކިއެކި ގެއްލުންތައް ލިބުނު 15 ވަރަކަށް ކޭސް. ސީރިއަސް އިންޖަރީތައް،" މަސްވެރިއަކު ކިޔައިދިނެވެ.
އެވްރެޖްކޮށް ކޮންމެ ދެ މަހަކުން އެއްމަހު މިފަދަ ހާދިސާއެއް ކުރިމަތިވާއިރު، އެފަދަ ހާދިސާތައް ކުރިމަތިވާ މީހުންނަށް އަޅާލެވޭނެ ގޮތެއް ނުވަތަ ސްކީމެއް ނެތް އިރު، މިއީ އިންތިހާއަށް ސަމާލުވާން ޖެހޭ މައްސަލައެކެވެ.
މަސްވެރިން އަމިއްލަ ރައްކާތެރިކަމަށް ސަމާލުވަމާ!
ކޮންމެ ބާވަތެއްގެ މަސައްކަތެއް ކުރި ނަމަވެސް އެބައެއް އެބައެއްގެ ރައްކާތެރިކަމަށް ސަމާލުވާން ޖެހެއެވެ. އެގޮތުން މަސްވެރިންގެ ލޮލަށް ބުޅިހެރުމުގެ ހާދިސާތައް ތަކުރާރުކޮށް ކުރިމަތިވަމުން އަންނައިރު، މަސްވެރިން އެކަމާ މެދު ވިސްނަން ޖެހެއެވެ. ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހެލްމެޓް ނުވަތަ އައިނު އަޅަން ފަށަން ޖެހެއެވެ.
މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މަދުން ނަމަވެސް ދިމާވަމުން އަންނަ ވަރަށް ހިތާވެވެރި ހާދިސާއެއްކަމުން، ލޮލަށް ބުޅި ހެރުމުގެ ސަބަބުން އެ ލޮލުގެ ފެނުން ދާއިމަށް ގެއްލިފަވެސް އެބަހުއްޓެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، މިހާރުން ފެށިގެން މަސް ބާނަން ދޮށި އަޅާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހެއެވެ.