ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ

ޤާނޫނުގެ ދަށުން، މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބޭނެ ސްކީމެއް އެކުލަވާލަން ޖެހޭ

މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބޭނެ ސްކީމެއް އެކުލަވާލަން ޖެހޭ ކަމަށް ޤާނޫނު ބުނެެވެ.

އެގޮތުން 'ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނޫ'ގައި ވާގޮތުން، މަސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެ ފަރާތްތަކަށް ހައްގުވެގެންވާ އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދިނުމަށްޓަކައި، މަސްވެރިންނަށް ޕެންޝަނާއި ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދެވޭނެ ސްކީމެއް، ފިޝަރީޒް މިނިސްޓްރީގެ މަޝްވަރާގެ މަތިން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން އެކުލަވާލަން ޖެހެއެވެ.

މީގެ އިތުރުން، ޤާނޫނުގައި ވާގޮތުން، މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް ކުރިއަރުވައި، ޒަމާނާ އެއްގޮތަށް އެ ސިނާއަތުގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި މަސްވެރިކަމާ ގުޅޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމުކޮށް ތަރައްޤީކުރަން ޖެހެއެވެ.

ހަމައެޔާއެކު، މަސްވެރިކަން ކުރުމަށް ބޭނުންކުރާ އުޅަނދުތައް އުފެއްދުމުގައި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން އެކުލަވާލާފައިވާ ޚާއްޞަ ބޯޓް ބިލްޑިންގް ކޯޑު ތަންފީޒު ކުރުމަށް ފިޝަރީޒް މިނިސްޓްރީން ބާރު އަޅަން ޖެހެއެވެ. އަދި ބޯޓު ބަނުމުގެ ސިނާޢަތް ކުރިއަރުވައި، މާކެޓްކޮށް އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ބޭރުގެ ބާޒާރުތަކުގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭންވާނެ ކަމަށް މަސްވެރިކަމުގެ ޤާނޫނުގައި ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!