ފަރުކައިރީގައި ބޯދި އުޅޭ މަންޒަރު - ފޮޓޯ: މަސްވެރިން އެމްވީ
ފަރުކައިރީގައި ބޯދި އުޅޭ މަންޒަރު - ފޮޓޯ: މަސްވެރިން އެމްވީ

ބާޖެއް ފަރަށް އެރުމުން ލިބުނު ގެއްލުމުގެ ބަދަލަކަށް 100 މިލިއަނުން ޖޫރިމަނާ ކޮށްފި

ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅީގައިވާ ފަރަށް ބާޖެއް އެރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ، މެއި މަހުގެ ފުރަތަމަ ދުވަހު "އަމް އާގަމް" ނަމަކަށް ކިޔާ ބާޖެއް، މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅިން ވަންނަން އުޅުމުގެ ތެރޭގައި، ކަނޑުއޮޅީގައި އޮންނަ ފަރަކަށް އަރާފައިވާ ކަމަށެވެ.

މި އުޅަނދަކީ އިންޑިޔާއިން ހިލަ ހިފައިގެން އައި ޓަގް ބޯޓަކާއެކު ވ. ރަކީދޫއަށް ދަތުރު ކުރަމުން ދިޔަ އުޅަނދެކެވެ.

ބާޖު ފުންކޮށް ނިމުމުން، އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އުޅަނދުގެ ވެރިފަރާތާ ގުޅިގެން އެ ސަރަހައްދު ބަލައި ޖޮއިންޓް-ސަރވޭއެއް ކުރިއެވެ. އެގޮތުގެމަތިން ބެލި ބެލުމުން، އެ ފަރުގެ 6054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަން ފާހަގަ ކުރެވިފައި ވާކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ.

މި ހާދިސާއާ ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާ އަކީ 152 މިލިއަން ފަސް ލައްކަ ކަމަށް ވީ ނަމަވެސް، ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ 100 (ސަތޭކަ) މިލިއަން ކަމަށްވާތީ، އެ އަދަދުން ޖޫރިމަނާ ކުރީ ކަމަށް އީޕީއޭއިން ބުންޏެވެ.

މި ފައިސާ ދައްކާ ޚަލާސް ކުރަން ކަނޑައަޅާފައިވަނީ 30 ދުުވަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!