ކޫއްޑޫ
ކޫއްޑޫ

"މަސްވެރިންނަށް ތެޔޮ ދޫކުރުން މަޑުޖައްސާލީ މިފްކޯގެ ކޭޝް ފްލޯގައި ތާށިކަމެއް އުޅޭތީ"

މަސްވެރިންނަށް ތެޔޮ ދޫކުރުން މަޑުޖައްސާލީ މިފްކޯގެ ކޭޝް ފްލޯގައި ތާށިކަމެއް އުޅޭތީ ކަމަށް މިފްކޯއިން ބުނެފިއެވެ.

މަސްވެރިންނަށް ތެޔޮ ނުލިބޭކަމުގެ ޝަކުވާ، މީސްމީޑިޔާގައި މަސްވެރިން ދަނީ ހިއްސާކުރަމުންނެވެ. އެގޮތުން 'ހަނދުވަރީ އެމްވީ' އިން ސޯޝަލް މީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގއ. ކޫއްޑޫ އިން ޑީސަލް ނުލިބި މަހަށް ނުފުރިފައި އޮތީ މަސްދޯނިފަހަރަށް ބޭނުންވާ ޑީސަލް ނުލިބިގެން ކަމަށެވެ.

މިކަމާ ގުޅިގެން މިފްކޯގެ ސީއީސޯ އިސްމާއީލް ފައުޒީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފްކޯއަށް ތެޔޮ ސަޕްލައި ކޮށްދެނީ، އެސްޓީއޯގެ ސަބްސިޑީ ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކަމަށެވެ. އަދި މަސްވެރިކަން ދަށްވުމާއި، މިފްކޯގެ ކޭޝް ފްލޯގައި ތާށިކަމެއް އުޅޭތީ، ތެޔޮ ދޫކުރުމުގައިވެސް ދަތިތަކެއް ކުރިމަތިވަނީ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ތިން މަސް ވެއްޖެ މަސްވެރިކަން ދަށްވެފައިވާތާ. މިފްކޯގެ ކޭޝްފްލޯވެސް ވަރަށް ބޮޑަށް ތާށީވެފަ މިއިނީ. ދެން އާއްމުގޮތެއްގަ ފިއުލް ސަޕްލައިން މިފްކޯއަށް ތެޔޮ ސަޕްލައި ކުރަނީ. އެހެން ތަނަކުން ތެލެއް ނުނަގާ." ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ފައުޒީ ވިދާޅުވީ، ބައެއްފަހަރު، ފަހުން ފައިސާ ދައްކާގޮތަށްވެސް އެފްއެސްއެމްއިން ތެޔޮ އަޅާ ކަމަށާއި މިދިޔަ ތިން، ހަތަރު އަހަރުގައި ތެޔޮ އެޅީ އެޑްވާންސްކޮށް ފައިސާ ދައްކައިގެން ކަމަށެވެ. ނަމަވެސް މިފްކޯގެ ކޭޝްފްލޯ ތާށީވުމުން، މިވަގުތު އެޑްވާންސްކޮށް ފައިސާ ދީފައި ތެޔޮ އެޅެން ނެތީ ކަމަށެވެ.

ފަހުން ފައިސާ ދައްކާގޮތަށް ތެޔޮއަޅައިދޭން އެފްއެސްއެމްއާ ވާހަކަ ދައްކާފައި ވާނެ ކަމަށާއި އެފްއެސްއެމްއިން މިފްކޯއަށް ތެޔޮ ދޫކުރާނެ ދުވަހެއް އަންގާފައި ނުވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"މިފްކޯގެ އޮޕަރޭޝަން އެބަ ހިންގާ ފެލިވަރު، ކޫއްޑޫ، އައްޑޫގައި. މި ހުރިހާ ތަނެއްގައިވެސް އޮޕަރޭޝަން ހިންގާއިރު، މަސްވެރިންނަށް ތެޔޮ މި ދޫކުރަނީ މިފްކޯއިން. ދެން އަދި މިފްކޯގެ އޮޕަރޭޝަންއަށް ބޭނުންވާ ތެޔޮ، މިސާލަކަށް ކޫއްޑޫގެވެސް ޖަނަރޭޓަރު ހިންގާނެ ދެއްތޯ. އެހެންވީމަ މިފްކޯގެ އޮޕަރޭޝަނަކީ ހަމަ ތެލަށް ބަރޯސާވެގެން ހިންގާ އޮޕަރޭޝަނެއް،" ފައުޒީ ވިދާޅުވިއެވެ.

މިވަގުތު ސެންޓަރުތަކުގައި މަސްވެރިންނަށް ތެޔޮ ދޫކޮށްފި ނަމަ، މިފްކޯގެ އޮޕަރޭޝަންތައް ހުއްޓިދާނެ ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ކޯލްޑް ސްޓޯރުތައް ނުނިއްވާ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭ ގޮތަށް ކަންކަން ކުރިއަށް ގެންދާނެކަމަށާއި ސްޓޮކް ހުރިގޮތުން މަސްވެރިންނަށް ތެޔޮ ދޫކުރެވެން ނެތް ކަމަށް މަސްވެރިންނަށް އަންގާފައިވާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!