Hibaru

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމެޓީއެއް އެކުލަވާލަން ޖެހޭ

ދިވެހިރާއްޖޭގެ 'ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދު'ގެ ދަށުން، ހިބަރުގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން ތަންފީޒު ކުރުމާއި މުރާޖައާ ކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި، ޤަވާއިދަށް ޢަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި 'ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމެޓީ' އެކުލަވައިލަން ޖެހެއެވެ.

މި ކޮމެޓީއަށް މެމްބަރުން އައްޔަނު ކުރަންޖެހޭނީ ފިޝަރީޒް މިނިސްޓްރީއިންނެވެ.

ކޮމެޓީ އެކުލަވާލުމަށްޓަކައި އަށް މެމްބަރުން ހޮވަން ޖެހެއެވެ. އެގޮތުން ކޮމެޓީގެ މުޤައްރިރަކަށް ހަމަޖައްސަން ޖެހެނީ މިނިސްޓްރީގެ، ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބެކެވެ. އޭގެ އިތުރުން ކޮމެޓީގައި ހިމަނަން ޖެހެނީ އެމްއެމްއާރްއައި ތަމްސީލު ކުރާ މަންދޫބަކާއި ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތައް ތަމްސީލު ކުރާ ތިން މަންދޫބުންނާއު ހިބަރުގެ ބާވަތްތައް ޕްރޮސެސް ކުރާ ދެ މަންދޫބުން އަދި އެންވަޔަރަމަންޓް މިނިސްޓްރީ ތަމްސީލުކުރާ މަންދޫބެއްގެ އިތުރުން އޮކޮނިމިކް މިނިސްޓްރީ ތަމްސީލު ކުރާ މަންދޫބެއް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ ތަމްސީލު ކުރާ މަންދޫބެއް އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާއެކެވެ.

މި ކޮމިޓީއަށް މީހުން އައްޔަނު ކުރުމުގެ ކުރިން، ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލަން ޖެހެއެވެ.

މި ކޮމިޓީ އެކުލަވައިލެވުމުން، ކޮމެޓީގެ ޖަލްސާތައް، މަދުވެގެން އަހަރަކު އެއްފަހަރު ބާއްވަން ޖެހެއެވެ.

މި ކޮމިޓީގެ މައިގަނޑު ފަސް މަސްއޫލިއްޔަތެއް އޮވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒު ކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޒު ކުރެވޭ ގޮތުގެ ތަފްސީލު، އަހަރަކު އެއްފަހަރު މިނިސްޓަރަށް އެރުވުމެވެ.

ހިބަރުގެ މަސްވެރިކަމާ ގުޅޭ އެކިއެކި މައުލޫމާތު ހިމެނޭ ރިޕޯޓްތައް މުޠާލިޢާ ކުރުމާއި ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލާން ތަންފީޒުކޮށް، މުޠާލިޢާ ކޮށް، މުރާޖަޢާ ކުރުމާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން ވެސް ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައު ހިމެނެއެވެ.

މީގެ އިތުރުން މި ކޮމެޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި، ހިބަރުގެ މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި، ކަމާގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުންނާއި، މަޝްވަރާ ބައްދަލުވުންތަކުން ނެރޭ ނަތީޖާތަކުންނާއި ހުށަހެޅުންތަކާ ގުޅިގެން އަޅަން ޖެހޭ މެނޭޖިން ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން ހިމެނެއެވ.ެ

ސަރަހައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ހިބަރުގެ މަސްވެރިކަމާއި އޭގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް، ޤައުމީ ފެންވަރެއްގައި މިނިސްޓަރަށް ލަފާ ދިނުމަކީވެސް މި ކޮމެޓީގެ މަސްއޫލިއްޔަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!