މަސްވެރިކަމާއި ގުޅޭ

ބ. ފުޅަދޫ
ބ. ފުޅަދޫ

ހިމާޔަތް ކޮށްފައިވާ ސަރަހައްދު ގިނަކަމާއި ރިސޯޓު ސަރަހައްދުގައި އެން ނުދެމޭތީ ފުޅަދޫ ފާނަ މަސްވެރިންނަށް ދަތިތަކެއް

އާބާދީގައި 370އެއްހާ މީހުން ދިރިއުޅޭ ބ. ފުޅަދޫއަކީ ފާނަ މަސްވެރިކަން ކުރާ ރަށެކެވެ. ފުޅަދޫގައި އެހެން ބާވަތެއްގެ މަސްވެރިކަމެއް ނުކުރާ ކަމަށާއި ކަނޑުމަހަށް ނުދާ ކަމަށް ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ވިދާޅުވިއެވެ.

"ދުވަހަކުވެސް ކަނޑުމަހަކަށް އެހާ ފާސްޓެއްނުވާނެ. އެކަމަކު ފާނަ މަސްވެރިކަމަށް ހަމަ ރާއްޖޭގެ އެއްވަނަ،" ފަޚުރުވެރިކަމާއެކު އަޒުހަރު ވިދާޅުވިއެވެ.

ރަށުގެ އާބާދީ އަކީ މަދު އަދަދެއް ނަމަވެސް، ރަށުގެ 70 ޕަސެންޓް މީހުން މަސްވެރިކަމުގައި ހިއްސާވެއެވެ. ފާނަ މަސްވެރިކަމަށްދާ ފަސް ވަރަކަށް ދޯނި އޮންނައިރު، ކޮންމެ ދޯންޏެއްގައި އަށް ވަރަކަށް މީހުން އުޅެއެވެ.

ފާނަ މަސްވެރިކަމާމެދު އަޒުހަރު ވިދާޅުވީ، މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖޭގައު ސީދާ ފާނަ މަސްވެރިކަން ކުރާ އޮންނަނީ މަދު ރަށެއް ކަމަށެވެ. އޭގެ ތެރޭގައި ފުޅަދޫ ހިމެނޭ ކަމަށެވެ.

ފުޅަދޫގައި ފާނަ މަސްވެރިކަން ކުރަނީ ރަށަށް ނިސްބަތްވާ ދޯނިތަކުގައެވެ. އަދި މަސްވެރިކަމުގައި ގިނައިން ހަރަކާތްތެރިވަނީ ރަށު މީހުންނެވެ. ނަމަވެސް މިފަހުން ކޮންމެވެސް ވަރަކަށް އެހެން ރަށްރަށުގެ މީހުންވެސް އުޅެދާނެ ކަމަށް އަޒުހަރު ވިދާޅުވިއެވެ.

އަޒުހަރު، ފުޅަދޫ ސިފަކުރައްވަނީ ފާނަ މަސްވެރިކަމުގައި ވަރަށް ހީވާގި، ކެރޭ ރައްޔިތަކު ދިރިއުޅޭ ރަށެއް ގޮތަށެވެ. ފާނަ މަސްވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވަރުގެ ކަމެއްވެސް ނޫން ކަމަށާއި އެއީ އެއަށްވުރެ މާ ބުރަ ކަމެއް ކަމަށް އަޒުހަރު ވިދާޅުވިއެވެ.

"ހެނދުނު ހައެއް ޖަހާލާއިރު މޫދަށް ފުންމާލާ ގޮތަށް އިރު އޮއްސެންދެން ހަމަ އެއްފަރުން އަނެއްފަރުން ފާނަ ބާނަނީ. އެއީ ވަރަށް ބުރަ މަސައްކަތެއް،" އަޒުހަރު ވިދާޅުވިއެވެ.

ބ. ފުޅަދޫ ބޭރުގައި އޮންނަ މުރަކަ ބަގީޗާ: (ދައުރު ފޮޓޯ/ނާއިޝް ލަތީފް)

ފާނަ ބާނާނީ އެކި އަތޮޅުތަކުންނެވެ. އަދި އެއަށްފަހު ރަށަށް ދާނީ މަހަކު އެއްފަހަރު ނުވަތަ ދޮޅުމަހުން އެއްފަހަރުއެވެ.

ފުޅަދޫގައި މަސްވެރިން މަދުވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުން އެހެން ދާއިރާތަކަށް ދިއުމާއި، އަލަށް އެ މަސްވެރިކަމަށް ނުކުންނަ ޒުވާނުން ނެތުމުންނެވެ.

ޒުވާނުން މަސްވެރިކަން ދޫކޮށްލާ ސަބަބެއް ކަމަށް އަޒުހަރު ވިދާޅުވީ، މަސްވެރިކަމަކީ ބުރަ މަސައްކަތަކަށް ވެފައި، އެހެން ސިނާއަތްތަކުގައި އެއަށްވުރެ ލުއިކޮށް މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭތީއެވެ.

"ފައިސާ ހޯދަންތާ މި މަސައްކަތް ކުރަނީ، ދެއްތޯ. އެހެންވީމަ ފައިސާ ލިބޭކަމަށް ވަންޏާ އެހާ ބުރަ މަސައްކަތަކަށް ނުދާނެތާ. ދެން ކުރީގަ ވާގޮތަކީ، އެހެން ކަމެއް ނޯވޭ. ޓުއަރިޒަމްވެސް އެހެން ކަމެއްވެސް ނޯވޭ. އެހެންވީމަ ޒުވާނުންނަށްވެސް މަސްވެރިކަން ނޫން ގޮތެއް ނީންނާނެތާ ކުރީގަ،" މިހާރު ޒުވާނުން މަސްވެރިކަމަކަށް ދާ މިންވަރު މަދުކަން ފާހަގަ ކުރައްވައި އަޒުހަރު ވިދާޅުވިއެވެ.

ފާނަ މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން އަޒުހަރު ވިދާޅުވީ، ފާނައަށް ދާން އެން ދަމަން ޖެހޭއިރު، ގިނަ ސަރަހައްދުތަކަކީ ހިމާޔަތް ކޮށްފައިވާ ހިސާބު ކަމަށެވެ. އެހެންކަމުން އެން ދެމުމުގައި މަސްވެރިންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މިހާރު ހަމަ ގިނަ ތަންތަން ޕްރޮޓެކްޓެޑް އޭރިއާސް ދެއްތޯ. ދެން ރިސޯޓުތަކާ ހިސާބަށް ކައިރިވެ ނޫޅެވޭނެ، އެންދަމާ ހަދާކަށް. އެކަހަލަ ދަތިތައް ހުރޭ،" ފާނަ މަސްވެރިކަމަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން އަޒުހަރު ވިދާޅުވިއެވެ.

ފުޅަދޫއެކޭ އެއްގޮތަށް، ވަރަށް ގިނަ އެހެން ރަށްރަށުގައިވެސް ޒުވާނުން މަސްވެރިކަމަށް ނިކުމުން މަދުވާކަމަށް ރަށު ކައުންސިލްތަކުން ފާހަގަ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!