މަސްވެރިކަމާއި ގުޅޭ

carousel2

ޕެސިފިކް ކަނޑުގައި ޤަވައިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އޭރިއަލް ސަވައިލެންސް ކުރިޔަށް ގެންދަން ފަށަނީ

ފެސިފިކް ކަނޑުގެ ސަރަހައްދުގައި ޤަވައިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް  އޭރިއަލް ސަވައިލެންސް ކުރިޔަށް ގެންދިއުންމަށް އަނެއްކާވެސް ޤައުމުތަކުން އެއްބަސްވެއްޖެއެވެ.

"ޕެސިފިކް މެރިޓައިމް ސެކިއުރިޓީ ޕްރޮގްރާމް - ޕެސިފިކް އައިލެންޑްސް ފޯރަމް ފިޝަރީޒް އެޖެންސީ، ޕީއެމްއެސްޕީ/އެފްއެފްއޭއިން" ކުރިން ދިޔައީ މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް އޭރިއަލް ނުވަަތަ ވައިގެ މަގުން ޕެސިފިކް ޤައުމުތަކުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ޕީއެމްއެސްޕީ/އެފްއެފްއޭއިން ކުރިިޔަށް ގެންދިޔަ ސަވައިލަންސް މަސައްކަތް މާރޗް މަހު ވަނީ ވަގުތީ ގޮތުން މެދުކަޑާލާފައެވެ.

ޤަވައިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އަލުން އޭރިއަލް ސަވައިލަންސް ފެށުމަށް ޕެސިފިކް ޤައުމުތަކުގެ ފިޝަރީޒް މިނިސްޓަރުން ވަނީ ދާދި ފަހުން ބޭއްވި 17 ވަނަ ފޯރަމް ފިޝަރީޒް ކޮމީޓީ ބައްދަލުވުމުގައި އެއްބަސްވެފައެވެ. މިކަމާބެހޭ ގޮތުން ޕެސިފިކް އައިލެންޑްސް ފޯރަމް ފިޝަރީޒް އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ޑރ މަނޫ ޓުޕޯ-ރޫސެން ވިދާޅުވީ މިހާލަތުގައި އަލުން ޤައުމުތަކުގެ ކަނޑުގެ ސަރަހައްދު ވައިގެ މަގުން ބަލަހައްޓަން ފެށުން އެއީ ވަރަށް މުހިންމުކަމެއްކަމަށެވެ.

އަދި މިކަން ކުރުމުގައި ކޯވިޑް-19 ގެ ސަބަބުން ދިމާވެފައިވަ ހާލަތާއި ގުޅިގެން ކަނޑައެޅިފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، ޕެސިފިކް ކަނޑުގެ ސަަރަހައްދު ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. ކޯވިޑް-19 ގެ ސަބަބުން އެކުލަވާލާފައިވާ އުސޫލުތަކަށް ބުރުނާރާނެ ފަދައިން ވައިގެ ސަވައިލަންސް ކުރުމުގެ މަސައްކަތްތައް ޤައުމުތަކުން ކުރިޔަށް ގެންދާނެކަމަށް ޑރ މަނޫ ތުޕޯ-ރޫސެން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއަރ ސަވައިލަންސްގެ ކަންކަން މަޑުޖައްސާލުމުން އިލީގަލް، އަންރިޕޯޓަޑް، އަންރެގިއުލޭޑަޓް، އައިޔޫޔޫ އަށް ފެތޭ ފަދަ ގިނަ ޤަވައިދާއި ހިލާފު ކަންތައްތަކެއް ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހިންގަން ފަށާފައިވާކަމަށެވެ.

މިކަމުން ޕެސިފިކްގެ ޤައުމުތަކުގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މިސަރަހައްދުގެ ޤައުމުތަކުން ދަނީ މަޝްވަރާކުރަމުންނެވެ. މިމަޝްވަރާތަކުގައި އަލުން އޭރިއަލް ސަވައިލަންސް ފެށޭނެ ގޮތްތަކުގެ އުސޫލުތައް ދަނީ ކަނޑައަޅުންނެވެ. ބައެއް ޤައުމުތަކުގެ ކަނޑުގެ ސަރަހައްދު މިހާރުވެސް ވައިގެ މަގުން ވަނީ ބަލަހައްޓަން ފަށާފައެވެ.
މިގޮތުން ސޮލޮމޮން އައިލެންޑްގެ ކަނޑުގެ ސަރަހައްދު ޕީއެމްއެސްޕީ/އެފްއެފްއޭއިން  ޕްރޮގްރާމްގެ ދަށުން އަނެއްކާވެސް ވަނީ ބަލަހައްޓަން ފަށާފައެވެ. އަދި އިތުރު ޤައުމުތަކުގެ ކަނޑުގެ ސަރަހައްދު ވައިގެ މަގުން އަލުން ބަލަހައްޓަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިމަސައްކަތުގައި އެފްއެފްއޭއާއި އެއްކޮށް އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!