އެންކެޔޮޅުން އެންއުކަނީ - ފޮޓޯ: މަޑަވެލި މަސްވެރިން
އެންކެޔޮޅުން އެންއުކަނީ - ފޮޓޯ: މަޑަވެލި މަސްވެރިން

އެންވަތައް ގެންނަ ބަދަލުތައް ތަހުލީލުކުރުމަށް ބޭނުންކުރާނެ މަސްދޯންޏެއް ހޯދަން މިނިސްޓްރީން އިއުލާނުކޮށްފި

އެންވަތައް ގެންނަ ބަދަލުތައް ތަހުލީލުކުރުމަށް ބޭނުންކުރާނެ މަސްދޯންޏެއް ހޯދުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިނިސްޓްރީ އާއި ޖައިކާ ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ހިންގޭ މިބައިގައި (ކޮމްޕޯނަންޓް) ދިވެހިރާއްޖޭގައި ދިރޭއެން ބޭނުންކޮށްގެން ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގެ އެންވަތުގައި އެން ގެންގުޅޭ ގޮތުގެ މައުލޫމާތު އެއްކުރެވޭނެ ކަމަށެވެ. އަދި ޖަޕާނުގެ ފަންނީ މާހިރުންގެ ލަފައާއެކު މިހާރު ބޭނުންކުރާ އެންވަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެންވަތުގައި އެންދިރުވާފައި ބެހެއްޓޭ މުއްދަތު އިތުރުކުރުމަށް ތަހުލީލުތަކެއް ކުރެވޭނެ ކަމަށެވެ.

މި ދިރާސާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ ދެކުނުގައި މިހާރުވެސް އާއްމުކޮށް ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ކުރާ މަދުވެގެން ދެ އެންވަތް ހުންނަ 90 ފޫޓަށްވުރެ ދިގު އުޅަނދެކެވެ.

މި ދިރާސާއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުންނާއި ޖަޕާނު ސަރުކާރުންނެވެ.

އެން ގެންގުޅޭގޮތުގެ މައުލޫމާތު އެއްކުރަން ގަސްތުކުރެވިފައި ވަނީ ދެކުނުގައި ދިރޭއެން ބޭނުންކޮށްގެން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ދަތުރުކޮށް މަސްވެރިކަމުގައި ބައިވެރިވެގެން ކަމަށާއި އެންވަތަށް ގެންނަ ބަދަލުތައް ގެނެވޭނީ މިއެއްކުރެވޭ މައުލޫމާތު ތަކަށާއި ޖަޕާނުގައި އެންވަތް ޑިޒައިންކޮށްފައި ހުންނަގޮތާ އަޅާކިއުމަށްފަހު ޖައިކާގެ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

އެހެންކަމުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި މިނިސްޓްޯގައި ދެންނެވުމަށް، މިނިސްޓްރީން ކުރި އިއުލާނުގައި ވެއެވެ.

މިކަމާގުޅިގެން އިތުރު މައުލޫމާތު ބޭނުންވާނަމަ 7771142 ނަންބަރު ފޯނަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!