ޔޫރަޕްގެ އައްސޭރިފަށުން ދަތުރުކުރާ ބޯޓުތަކަށް ކިލަރ ވޭލްތައް ހަމަލާދީގެން ރިޕޯޓުކުރާ އަދަދު އިތުރުވެއްޖެއެވެ.
އެގޮތުން މިމަހުގެ ކުރީކޮޅު ފްރާންސްގެ އައްސޭރިފަށުން ދަތުރުކުރި 37 ފޫޓުގެ ބޯޓަކަށް ހަމަލާފައިވާއިރު، ބޯޓުގެ އަޑިން ތިން ކުއާޓަރު ހާތަން ވަނީ ހަލާކުވެފައެވެ. މި ހާދިސާ ތަޖުރިބާކުރި އެސްޓާ ކްރިސްޓިން ސްޓޯސްސަން ބުނީ ނިދާފައި އޮތްވާ ކުއްލިއަކަށް ހޭލެވުނީ ބޯޓު ތެޅެން ފެށުމުން ކަމަށެވެ. އަދި ބޭރަށް ބަލާލިއިރު، ކިލަރ ވޭލްތައް ބޯޓު ވަށައިގެން އެނބުރޭތަން ފެނުނު ކަމަށާއި، ބޯޓު ދުއްވަމުން ދިޔަ ދިމާލާ އިދިކޮޅަށް ކިލަރ ވޭލްތައް ބޯޓު އަނބުރާލި ކަމަށެވެ.
ކިލަރ ވޭލްތައް 15 މިނެޓުވަންދެން ވަނީ ބޯޓަށް ހަމަލާދީފައެވެ. އަދި މި ހާދިސާއާއި ގުޅިގެން ޖެހުނީ ފްރާންސްގެ ބަނދަރަކަށް މަޑުކޮށް ބޯޓު މަރާމާތުކުރަންށެވެ.
މިހާތަނަށް ކިލަރ ވޭލްއެއް އިންސާނަކަށް ހަމަލާދީ މަރާލާފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ މަހުގެތެރޭ ޕޯޗުކަލްގެ ކަނޑުގެ ސަަރަޙައްދުގައި ވަނީ ކިލާ ވޭލްތައް ހަމަލާދީ، ދެ ބޯޓު ފައްތާލާފައެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވުނު މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.
ކިލަރ ވޭލްތަކުގެ ހަމަލާތަކާއި އެކު ސައިންވެރިންނަށް ވަނީ ހައިރާންކަން ލިބިފައެވެ. ސަބަބަކީ ތަބީއީގޮތުން މިބާވަތުގެ މަހަކީ އެގޮތަށް އިންސާނުންނަށް ހަމަލާދޭ އެއްޗަކަށް ނުވުމެވެ.
ފާއިތުވީ ދެ އަހަރު ދުވަސްތެރޭ ކިލާ ވޭލްތައް ހަމަލާ ދިނުމުގެ ރިޕޯޓުތައް އިތުރުވެފައިވާއިރު، މިކަންތައް ދިރާސާ ކުރާ ޓީމުތައްވެސް ވަނީ އިތުރުވެފައެވެ.