މަސްވެރިންގެ އަޑު

މަސްވެރިންގެ އަޑު: ހިބަރު ގަތުމުން ހަ ގަޑިއިރު އެކަނިމާއެކަނި ކުރި ހިތްވަރުގެ ވާހަކަ

އެކަނި މަަހަށްނުކުމަކީ ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް މިއީ މަސް ގަތުމުން މަސްވެރިއަކު، ހަ ގަޑިއިރު ވަންދެން ބާރުއަވީގައި  ކުރިހިތްވަރުގެ ވާހަކައެވެ.

ދުވަހަކީ ހުޅަނގު މޫސުމުގެ ކަނޑުމަޑު ރީތި ދުވަހެއްކަމުން އާދައިގެ މަތިން އައްދޯބެ ފަތިސްނަމާދު ކޮށްލައިގެން ނުކުތީ ވަދާ ދިއުމަށެވެ. އާންމުގޮތެއްގައި އިތުރު މީހަކާއިއެކު މަހަށްނުކުންނަ އައްދޯބެ އަށް އެ ދުވަހު މަހަށް ފުރަން ޖެހުނީ އެކަނިއެވެ. އައްދޯބެ އަށް މަސްވެރިކަމަށް ފުރުނީ 5:30 އާއި 6:00އާ ދެމެދުގެ ވަގުތެއްގައެވެ. އައްދޯބެގެ ޑިންގީގެ މިސްރާބު ބެހެއްޓީ ގައްލަންދޫ ކަނޑޯޅިއޭ ކިޔުނު ކަނޑޯޅިއާދިމާއަށެވެ.

އެސަރަހައްދަކީ އާންމު ގޮތެއްގައި ކުރުމަހާ ހިބަރު އަދި ކަންނެލިވެސް، ދިރޭލައްޓިޖަހާ ދުއްވައިގެން ބާނާ ސަރަހައްދެކެވެ. އެހެންކަމުން ވަދުގައި ޖެހުނު ލައްޓިއެއް ނަނުގައި ޖަހައި، މަޑުމަޑުން ދުއްވާން ފެށިއެވެ. ނަނުގައި އިން ލައްޓީގައި ފުރަތަމަ ހިފީ 24 ކިލޯ ހުންނަވަރުގެ ކަންނެއްޏެކެވެ. އިރުގަނޑެއްފަހުން ކަންނެލި ތިލަކޮށް ޑިންގީއަށް ލުމަށްފަހު ދެންވެސް ބެލީ ލައްޓިއެއް އަތުވޭތޯއެވެ.

މާގިނަ އިރުތަކެއްނުވެ ވަދުގައި ޖެހުނު ލައްޓިއެއް ނަނުގައި ޖަހައި ވައްޓާލުމަށްފަހު މަޑުމަޑުން ދުއްވާން ފެށިއެވެ.
އޭގެ ފަހުން، ލައްޓީގައި މަހެއްހިފާ ދުއްވައިގެންފިއެވެ. އޭރު ގަޑިން 8:30 ވަނީއެވެ. މިފަހަރު ނަނުގައި ހިފި މަސް އެއްގޮތަކަށްވެސް މައިތިރިވާގޮތެއް ނުވިއެވެ. ނަނުގައި ގަތް މަހުގެ މިސްރާބު ހުރީ ކަނޑުތެރެއަށް ނުކުންނާށެވެ. އޭރުވެސް ނަނުގައި ގަނެފައި މިހުރީ ކޮންކަހަލަ މަހެއްކަމެއް ނޭނގެއެވެ.

އައްދޯބެ ބޭނި ހިބަރު ކިރަނީ -- ފޮޓޯ/ އިހަވަންދޫ މަސްވެރިން

ގާތްގަނޑަކަށް 30 ވަރަކަށް މިނެޓުފަހުން ބޮޑު މަސްހިބަރެއް ފެނުމައްޗައް ފުއްމާލުމުން މަހުގެ ހަގީގަތް އެނގުނެވެ. މަސްހިބަރަކީ އަވަހަށް ބަލިކޮށްލެވޭނެ މަހެއްނޫންކަން އައްދޯބެއަށްވެސް އެނގެއެވެ. އައްދޯބެ އަށް ހިބަރު ތިލަކޮށް ޑިންގީއަށް ގާތްކޮށްލެވޭވަރުވީ މެންދުރުން އަނބުރައި ތިނެއް ޖެހިއިރުއެވެ. އޭރު ހިބަރު އޮތީ މަރުވެފައެވެ. ޑިންގީއަށް ހިބަރު ނުލެވޭނެތީވެ، ރަށާހަމައަށް ހިބަރު ގެނައީ ކަފު ޖަހަގިންނެވެ.

ރަށަށް ގެނަހިބަރު ބުރިބުރި ކޮށް ކިރާލިއިރު ހިބަރުގެ ބަރުދަނުގައި 119 ކިލޯހުއްޓެވެ.
( ދުވަހަކީ އަވިގަދަ އުޑުމަތިސާފު ވައިރޯޅިމަޑުދުވަހަކަށްވެފައި 6 ގަޑިއިރުވަންދެން ބޮޑުމަހަކަށް އެކަނިމާ އެކަނި ގިނައިރު ދަމަން ޖެހުނީމަ ވާނެވަރު ކިޔުންތެރިންނަށް އިހުސާސްވާނެކަމަށް ހީކުރަމެވެ.)

މަސްވެރިންގެ އަޑު: ތިބޭފުޅުންގެ އަޑު ފޮނުވާނީ ކިހިނެއް؟

"މަސްވެރިންގެ އަޑު" މިބައިގައި މަސްވެރިން ހިމަނަން ބޭނުންވާނަމަ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް ނުވަތަ

ޓްވިޓާރ އިން ތިރީގައިވާ ހޭޝްޓެގް ޖައްސަވާ ޓްވީޓް ކުރައްވާ!

ހިޔާލު ފާޅުކުރައްވާ!