މަސްވެރިކަމާއި ގުޅޭ

viber_image_2022-08-28_15-58-17-087

މަސް ބޭނޭ ވަގުތު ނަބީހުއަށް ސިފަވަނީ ފުޓްބޯޅަ ކުޅޭއިރު ގޯލެއް ޖެހުން ފަދައިން

މަސްވެރިކަމުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންނަކީ، އެކަމަށް ހުންނަ ޝައުގުވެރި ކަމެއްގެ ބޮޑުކަމުން މަސްވެރިކަން ކުރާ ބައެކެވެ. ރާއްޖޭގައި ޒަމާނުއްސުރެން ފިރިހެނުން ކޮށް އުޅޭ މައިގަނޑު އެއް މަސައްކަތް ކަމަށްވާ މަސްވެރިކަަމަށް މިހާރުގެ ޒުވާނުން ހިތް ޖެހޭ އެއް ސަބަބަކީވެސް އާއިލާގައި މަސްވެރިން ތިބުމެވެ. އެމީހުން އެ މަސައްކަތް ކުރާތަން ފެނުމެވެ.

އދ. މަހިބަދޫ، ދެތަނޑިމާގޭ، އަހުމަދު ނަބީހު (ނަބިއްޓޭ)، 25، ވެސް އެންމެ ކުޑައިރުން ފެށިގެން މަސްވެރިކަމަށް ޝައުގު ހުރެއެވެ. ސްކޫލު ދައުރުގައި އޭނާ ކޮންމެވެސް ވަރަކަށް ފަރު މަހަށް ގޮސް ހެދިއެވެ. ހާއްސަކޮށް ސްކޫލު ބަންދުތަކަކީ އޭނާ މަހަށްދާ ދުވަސްވަރެވެ.

ނަބީހު ރަސްމީކޮށް މަސްވެރިކަމަށް ނުކުތީ ޖީސީ އޯލެވެލް ނިންމައި، އަހަރެއްހާ ދުވަސް ފަހުންނެވެ. އޭރުން ފެށިގެން ނަބީހުއަކީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ޒުވާނެކެވެ. ކާފަ އާއި ބައްޕަވެސް ކުރި މަސައްކަތް ކަމަށް ވުމާއެކު ނަބީހުވެސް އެކަމަސް ހިތް ޖެހުނީ ކަމަށް އޭނާ ބުނެއެވެ.

"މަސްވެރިކަމަށް ޝައުގުވެރިކަން ހުރޭ އަބަދުވެސް. އެއީ އެންމެ ކުރާހިތްވާ ކަންތައް،"

މިހާތަނަށް އައިއިރު ނަބީހު ވަނީ ހަތަރު ދޯންޏަކުން ކަންނެންޏަށް ގޮސްފައެވެ. މިހާރު އޭނާ ކަންނެއްޏަށް ދަނީ "ޓޫނާ 3" ދޯނީގައެވެ.

އދ. މަހިބަދޫ "ޓޫނާ 3"

 

ނަބީހު ބުނާ ގޮތުން ނަމަ، މަހަށް ދާ ދޯނި ބަދަލު ކުރަނީ، ޖެހޭ މައްސަލަތަކުގެ ސަބަބުންނެވެ.

ބައެއް ފަހަރަށް ކެޔޮޅު ހިތްހަމަ ނުޖެހިގެން މަސްވެރިން ދޯނިން ވަކިކުރާ ކަމަށާއި ނަމަވެސް ނަބީހުއަށް މިހާތަށް އެފަދަ ކަމެއް ދިމާނުވާކަމަށް އޭނާ ބުނެއެވެ. ކޮންމެ ފަހަރަކުވެސް ދޯނި ބަދަލު ކުރީ އޭނާ އަމިއްލައަށެވެ.

މަހަށް ދާއިރު އެންމެ އުފާވަނީ، އަބަދުވެސް މަސް ބޭވޭ ވަގުތުކަމަށް ނަބީހު ބުނެއެވެ. އެއީ އޭނާއަށް ލިބޭ އެންމެ އުފާވެރި ދެ ވަގުތުކޮޅުން އެއް ވަގުތުކޮޅެވެ.

"މަސް ގަންނަ ގަޑި އެއީ ވަރަށް އުފާވާ ގަޑިއެއް. ގަނެގެން ބެވޭއިރު. އަނެއްހެން އެންމެ ހިތްހަމަ ޖެހޭ ދެ ކަންތައް އެއީ މަހެއް ގަނެގެން ބޭވުމާ، ފުޓްބޯޅަ ކުޅޭއިރު ގޯލެއް ޖެހުމާ،" މަސް ގަނެގެން ބޭވުމުން އެވާ އުފާ ސިފަކޮށްދެމުން ނަބީހު ބުންޏެވެ.

މަސްވެރިކަމަށް ލޯބި ހުންނަ ނަބީހު ބުނާގޮތުން، މިހާރު ކޮންމެވެސް ވަރަކަށް މަސްވެރިކަން ދޫކޮށްލުމުގެ ވިސްނުން ހުރެއެވެ. އެކި ކަހަލަ ކަންކަމުގައި ޒުވާނުން ޒުވާނުންވާ ވާހަކަ ދައްކާއިރުވެސް ފާހަގަ ވި ކަމަކީ، މަސްވެރިކަމުގައި ހުރި މައްސަކަތަކެއްގެ ސަބަބުން ޒުވާނުން މިހާރު މަހަށް ދާ ހިތް ނުވާކަން ކަމަށް ނަބީހު ބުނެއެވެ.

ނަބީހު ދޯންޏެއްގައި މަހިބަދޫ ފަޅުތެރޭގައި

"މިހާރު ދައްކަނީ [މަސްވެރިކަމަށް] ޅަ ކުދިން ނުނިކުންނަ ވާހަކަ. އެކަމަކު [އޮޑިތަކުން] ކަންތައް ކުރާ ގޮތުން ގިނަ ފަހަރަށް ޅަ ކުދިން ނުނިކުންނަނީ މަސްވެރިކަމަށް،" ނަބީހު ފާހަގަ ކުރިއެވެ.

މަސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ޒުވާނުން މަހަށް ދާން ފަށާ ކަމަށާއި ނަމަވެސް އެފަދަ މައްސަލަތައް ކުރިމަތި ވުމުން މަސްވެރިކަން ހުއްޓާލަނީ ކަމަށް ނަބީހު ބުންޏެވެ.

ނަބީހު ބުނި ގޮތުގައި މަސްވެރިކަމުން އަބަދުވެސް ހިތްހަމަޖެހޭ އާމްދަނީއެއް ލިބެއެވެ. ކުރީގައި މަސްވެރިކަން ނޫން އެހެން އެއްވެސް ސިނާއަތަކަށް ދާން ހިތަށްވެސް ނާރާ ކަމަށާއި ނަމަވެސް ކަންތައްތައް ހުރި ގޮތުން، މިހާރު އެހެން ދާއިރާއަކަށް ދިއުމުގެ ވިސްނުން އަންނަ ކަމަށް ނަބީހު ބުންޏެވެ.

ނަބީހު ފާހަގަ ކުރި ގޮތުގައި ޒުވާނުންނާމެދު މަސްދޯނިފަހަރުން ކަންތައް ކުރާ ގޮތުގެ ސަބަބުން މަސްވެރިކަން މަތިން ފޫހިވަނީއެވެ.

ދޯންޏެއްގައި މަސައްކަތް ކުރަނީ، ކުރެވޭ އެންމެ ރަނގަޅަކަށް ކަމަށާއި ނަމަވެސް އެކަން ބަލައި ނުގަންނަ ނަމަ މަސައްކަތް މަތިން ފޫހިވާނެ ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން މަސް ކިރާ އަގު ދަށްވުމަކީވެސް މަސްވެރިކަމުގައި ދެމި ނުހުރެވޭ އެއް ސަބަބު ކަމަށް އޭނާ ބުނެއެވެ. އަދި މަސްވެރިކަމުގައި ނަމަ ކުރިއެރުމެއް ނުލިބޭ ކަމަށާއި ނަމަވެސް ރިސޯޓް ދާއިރާ ފަދަ ދާއިރާތަކުގައި މަގާމުގެ ކުރިއެރުން ލިބި، މުސާރަ ބޮޑުވަމުން ދާނެ ކަމަށް އޭނާ ފާހަގަ ކުރިއެވެ. ރިސޯޓު ދާއިރާގައި އުޅޭނަމަ ރަށުގައި މަޑުކޮށްލާ ދުވަސްތަކުގައިވެސް މުސާރަ ހިނގާނެކަން ފާހަގަ ކުރަމުން ނަބީހު ބުނީ، މަސްވެރިކަމުގައި ނަމަ އެގޮތަށް މަޑުކުރާ ކުރުމުގައި މުސާރަ ނުހިނގާނެ ކަމަށެވެ. އެއީ ޒުވާނުން ވަރަށް ބޮޑަށް ބަލާ އެއް ކަމެއް ކަމަށް ނަބީހު ބުނެއެވެ.

މި ހުރިހާ ސަބަބާއެކުވެސް މަސްވެރިކަން އެއްކޮށް ދޫކޮށްލުމަކީ ނަބީހު ވިސްނުން ގެންގުޅޭ ކަމެއް ނޫނެވެ. ނަމަވެސް ހިތްހަމަ ނުޖެހޭ ކަންތައްތައް ކުރިމަތިވާނަމަ، މިހާރު ކުރާ ބޮޑު ކަންނެލީގެ މަސްވެރިކަން ހުއްޓާލައި، ރަށު ވަޒީފާއަކަށް ބަދަލު ވުމުގެ ވިސްނުން އޭނާ ގެންގުޅެއެވެ. ނަމަވެސް އެފަދަ ވަޒީފާ އަކަށް ދިޔަ ނަމަވެސް ހުސްވަގުތު މަހަށް ދާނެ ކަމަށާއި، މަސްވެރިކަން އެއީ ހުއްޓާލެވޭނެ ކަމެއް ނޫން ކަމަށް ނަބީހު ބުންޏެވެ.

ކުރިން މަހިބަދޫގައިވެސް މަސްވެރި ޒުވާނުން ވަރަށް ގިނަ ކަމަށާއި ނަމަވެސް މިހާރު ޒުވާނުން ގިނައިން ހަރަކާތްތެރި ވަނީ ރިސޯޓް ދާއިރާގައި ކަމަށް ނަބީހު ބުންޏެވެ.

މިއީ ނަބީހު އެކަނި ދައްކާ ވާހަކައެއް ނޫނެވެ. މިފަހުން މަސްވެރިކަމުގައި އަބަދުވެސް އިވޭ ވާހަކައެކެވެ. ޒުވާނުން މަސްވެރިކަމަށް ނުނިކުންނާތީއެވެ. މަސްވެރިކަން ދޫކޮށްދާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ނަބީހަކީ މުރާލި ކެރޭކުއްޖެއް ކަމުގެ މައުލޫމާތު ލިބިުނު.އެ ފާހަގަ ކުރި ހެން ޒުވާނުންގެ އަޑުތަކެއް އިވުމުގެ އިތުރުން އޮޑިފަހަރުގްއި އުޅޭ ފަޅުވެރިންގެ އަޅުވެތިކަމެއްގެ ވާހަކަ އިވޭތާ ދުވަސްކޮޅެއް ވެއްޖެ.

Comments are closed.