ރާއްޖޭގެ ދެކުނުން މަސް ގަތުމަށްޓަކައި ސަރުކާރުން ތިން ބޯޓު ގަތުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޢަބްދުލްޣަނީ، މިނިސްޓްރާ ކުރެއްވި ދެ ސުވާލުގައި ވިދާޅުވީ، ޅ. ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް އަޕްގްރޭޑިންގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ވިދާޅުވެދެއްވުމަށާއި، ކުރިއަށް އޮތީ މަސްވެރިކަމުގެ މޫސުމަކަށް ވާއިރު، އެކަމަށް މިނިސްޓްރީން ތައްޔާރު ވެފައި ވާނެތޯ ވިދާޅުވެދެއްވުމަށެވެ.
ޖަވާބުގައި މިނިސްޓަރު ވިިދާޅުވީ، ކުރިއަށް އޮތް މަސްވެރި މޫސުމަށް، މަސް ގަންނަ ފެކްޓްރީ ތަކުން ތައްޔާރު ވަމުންދާ ކަމަށެވެ.
"ރާއްޖޭގެ އުތުރާ ދެކުނުގައި މަސްވެރިމުގެ މޫސުން ފެށުމަށްޓަކައި ތައްޔާރުވުމަށް، މަސް ގަންނަ ކުންފުނިތަކުން ތައްޔާރުވަމުން އެބަދޭ. އެގޮތުން، ދެކުނުގައި މަސްވެރި މޫސުމުގައި މަސް ބާނާ މިންވަރު އިތުރުވާނެކަމަށް ބަލައިގެން ދެކުނަށް މަސް ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ތިން ބޯޓެއް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މެމްބަރުގެ ފުރަތަމަ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފެލިވަރު އަޕްގްރޭޑް ކުރުމަށްޓަކައި ޕްރޮޕޯސަލްތައް ލިބި، އެ ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އޭގެ އިތުރުން، ފެލިވަރު އަޕްގްރޭޑް ކުރުމަށްޓަކައި ހިއްކަން ޖެހޭ ބިން ހިއްކައި، އެތަނުގެ ބިން ރައްކާތެރި ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ތަކެތި ބޭރުން ގެނެސް، އެކަމަށް ވެސް ތައްޔާރު ވަމުންދާ ކަމަށެވެ.