ވ. އަތޮޅުގައި ސްޕޯޓްސް ފިޝިިން ކަނދުފަތި އަޅައިދެވޭނެ އިރެއް ދަންނަވަން ނޭނގޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގާސިމް ވިދާޅުވީ، ސްޕޯޓްސް މަސްވެރިކަމަށް ހާއްސަކޮށްގެން ވ. އަތޮޅުގައި ކަނދުފައްޗެއް އަޅުއްވާނެކަމަށް ވަރަށް ކުރީވެސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި އެ ކަނދުފަތި އެޅޭނެ ތާރީހެއް ވިދާޅުވެދެއްވުމަށް އަދި ވ އަތޮޅު އެތެރޭގައި ދާ ޖަހައިގެން މަސް ހިފުން ވަރަށް ބާރަށް ކުރިއަށް ދާކަމަށް ވ އަތޮޅު ކައުންސިލުން މައުލޫމާތު ދޭ ކަމަށާއި މިކަން ހުއްޓުވުމަށް މިނިސްޓްރިއާ ގުޅިގެން ކައުންސިލްތަކަށް ކުރެވޭނީ ކޮން ކަމެއްތޯ ގާސިމްވަނީ މިނިސްޓަރަށް ދަންނަވާފައެވެ.
މި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް މަސްވެރިކަމަށް ބޭނުންކުރެވޭ ގޮތަށް ރަށްރަށުގެ ބޭރު ދުނި ކައިރީގައި ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް އެޅި ކަނދުފަތިތައް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަނޑައިގެން ގޮސްފަވާތީ، އެކަމުގެ ސަބަބުތައް ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އެއީ އޭގެ ޑިޒައިންގެ ސަބަބުން ދިމާވާ މައްސަލައެއްތޯ ނޫނީ އެންކަރިންގެ މައްސަލައެއްތޯ ބަލަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، އާ ކަނދުފަތިތައް އަޅާއިރު، އަބަދުވެސް އެތަނުގެ އަޑި ސާވޭ ކުރަން ޖެހޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ސާވޭ ކުރާ އިކުއިޕްމަންޓްސް ވަރަށް ކުރިން ފެށިގެން ވަނީ ހަލާކުވެފައި ކަމަށެވެ. އެހެންކަމުން އާ އިކުއިޕްމަންޓް ގަތުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަލަށް [ކަނދުފަތި] އަޅާ ތަންތަނުގަ އަޅުގަނޑުމެން އަޅާނީ އިކޯސައުންޑަރުން އެތާގެ އަޑި އޮންނަގޮތް ސާވޭކޮށް ބަލާފަ. އެހެންވީމަ ވ އަތޮޅުގެ މީހުންގެ ބޭނުމަށް އަޅާ ކަނދުފަތި އަޅައިދެވޭނީ ކޮންއިރަކުކަން މިވަގުތު ދަންނަވަން އުނދަގޫ. އަޅުގަނޑަކަށް ނޭނގެ ދަންނަވާކަށް، ކޮންއިރަކު ކަމެއް އަޅައިދެވޭނީކީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ އަތޮޅުގެ އެތެރެވަރީގައި ދާ ޖަހައިގެން މަސް ހިފީ މައްސަލައަށް ރިއާޔަތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެކަން ހައްލު ކުރުމަށް އަތޮޅު ކައުންސިލާ ގުޅިގެން ކުރެވެން ހުރި ކަންތައްތައް ކުރާނެ ކަމަށެވެ.
One Response
ކޮއްކޯ އިސްތިއުފާ ދީ އަވަހައް