އެމެރިކާގެ ކެލިފޯނީގެ ބީޗަކުން ގިނަ އަދަދަކަށް "މިނީ ޝާކްސް" ފެންނަމުންދާތީ އާއްމުންގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ.
ކުޑަ ކުޑަ ސުއިޕަކަށް ވިޔަސް "މިނީ ޝާކްސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ސުއިޕަކީ އިންސާނުގެ ލޭ ބޯ އެއްޗެކެވެ. ވޯޓާ ލައިން އައިސޮޕޮޓްސްގެ ނަން ދެވިފައިވާ މި ސުއިޕަކީ 0.3 އިންޗިއަށް ބޮޑުވާ އެއްޗެކެވެ. މީގެ ސައިޒު ކުޑަ ނަމަވެސް މިއީ އަވަހަށް އާލާވެ އިތުރުވާ އެއްޗެކެވެ. އެގޮތުން އާއްމުގޮތެއްގައި މި އެއްޗެހި އުޅެނީ ގުރޫޕު ހަދާފައެވެ. ކޮންމެ ގުރޫޕެއްގައި 10000 އެއްހާ މިނީ ޝާކްސް އުޅެއެވެ.

މޫދަށް ދާ ގިނަ ފަރާތްތަކަކުން ދަނީ މިނީ ޝާކްސްގެ އުނދަގޫ ބޮޑުވެގެން އެކަމުގެ ޝަކުވާކުރަމުންނެވެ. އަދި ލޭ ބޯލެއް ގިނަ ކަމުން މީހުންނަށް އެކަމުގެ އިހްސާސްވެސް ކުރެވެއެވެ. އަދި ގައިން ވަރުވެސް ދޫވެއެވެ. އަދި އިންތިހާއަށް ތަދުވެސް އިހުސާސް ކުރެވެއެވެ.
އަދި މޫދުން އަރާއިރު، ފައި ތިލައިގައި ދަތްއަޅާފައި ހުންނަ ތަންތަނުން ގިނަ އަދަދަކަށް ލޭތައް އޮހެރެމުން ދާ ކަމަށްވެސް މިކަންތައް ތަޖުރިބާކޮށްފައިވާ މީހުން ބުނެއެވެ.