މަސްވެރިކަމާއި ގުޅޭ

" 4 ކ.ގާފަރު " ނަތީޖާ

މިިދިޔަ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަ ކުރި ނަމަވެސް، އެކަމުގެ ސަބަބުން އެރަށަކަށް ފައިދާއެއް ނުކުރި

މިިދިޔަ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަ ކުރި ނަމަވެސް، އެކަމުގެ ސަބަބުން އެރަށަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ގާފަރު ކައުންސިލުން ބުނެފިއެވެ.

މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހެވެ. މިިދިޔަ އަހަރު، 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައި ވަނީ ގާފަރުގައެވެ.

ގާފަރުގައި އެދުވަސް ފާހަގަ ކުރަން ނިންމީ، ކޮވިޑްގެ ބަލިމަޑުކަމާއެކު، ޚަރަދު ކުޑަ ކުރުމުގެ ގޮތުން، މާލެ ކައިރި ރަށެއްގައި އެދުވަސް ފާހަގަ ކުރަން ކަމަށް ސަރުކާރުން ބުންޏެވެ. 2020 ވަނަ އަހަރު، ކޮވިޑްގެ ސަބަބުން މަސްވެރިންގެ ދުވަސް ފާހަގަ ކުރީ ވާޗުއަލްކޮށެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަކަ ކުރި ނަމަވެސް އެކަމުގެ ސަބަބުން އެ ރަށުގެ މަސްވެރިކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، އޭރެކޭ މިހާރެކޭ އެއްގޮތް ކަމަށް ގާފަރު ކައުންސިލްގެ ރައީސް މުބާޝިރު ޖަލީލު މި ނޫހަށް ވިދާޅުވިއެވެ.

މުބާޝިރު ވިދާޅުވީ، އޭރާ ބަލާއިރު، މިހާރު މަސްވެރި ކަންކަން މާ ގޯސްކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމައިފި

މިިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު، މަސްވެރިން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ޝަކުވާ އަކީ، މަހުގެ އަގު ދަށްވުން ކަމަށް ބާޝިރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މަސްފެކްޓްރީތަކުން މަސް ގަންނަ އަގު ދަށްވެގެން އެކަން ހައްލު ކޮށްދޭތޯ މިނިސްޓަރާ ހިއްސާކުރެވުނު ކަމަށް ބާޝިރު ވިދާޅުވިއެވެ. މީގެ އިތުރުން، ރަށް ކައިރީގައި އިތުރު ކަނދުފައްޗެއް އެޅުމާ ބެހޭގޮތުން މިނިސްޓަރާ މަޝްވަރާ ކުރެވުނު ކަމަށާއި އެކަމަށްވެސް ހައްލެއް ނުލިބުނު ކަމަށް ބާޝިރު ފާހަގަ ކުރެއްވިއެވެ.

"އަނެއްހެއް ބުނަންޏާ އެކަމުގެ ސަބަބުން އެއްވެސް ކުރިއެރުމެއް ނުލިބުނު،" މިދިޔަ މަސްވެރިންގެ ދުވަހާ ގުޅިގެން ބާޝިރު ވިދާޅުވިއެވެ.

އާބާދީގައި 1500 މީހުން ހިމެނޭ ގާފަރަކީ މަސްވެރި ރަށެކެވެ. އެރަށަށް ލިބޭ އާމްދަނީގެ 70 ޕަސެންޓަކީ މަސްވެރިކަމުން ލިބޭ ނަފާ ކަމަށް ބާޝިރު ވިދާޅުވިއެވެ.

ގާފަރުގައި ކަނޑުމަހުގެ މަސްވެރިކަމާއި ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ 15 ދޯނި އޮންނައިރު، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އެއް ދޯނި އޮވެއެވެ. ގާފަރުގައި މަސް ކައްކާ ހިއްކުން އަދި ރިހާކުރު ކެއްކުންވެސް ކުރިއަށް ދެއެވެ.

"މިރަށުގަ މައިގަނޑުކޮށް އޮންނާނީ މަސްވެރިކަން. އަނެއްހެން ބުނަންޏާ، 70 ޕަސެންޓޭ ބުނާ ވަރަކަށް މަސްވެރިކަމުގަ އުޅޭނީ، ކާންބޯން ކުރާ މަސައްކަތުގަ،" ބާޝިރު ވިދާޅުވިއެވެ.

ނަމަވެސް ކުރިއާ އަޅާ ބަލާއިރު އެރަށުގައިވެސް މަސްވެރިކަން ވަނީ ދަށެވެ. ދޯނިފަހަރު ވަނީ މަދެވެ. އެކަމުގެ ސަބަބެއްކަމަށް ބާޝިރު ވިދާޅުވީ، މަހުގެ އަގު ދަށްވުން ކަމަށް ބެލެވޭ ކަމަށެވެ. އެއަށްފަހު ތެލުގެ އަގު ބޮޑުވުމެވެ. އެކަމާ ގުޅިގެން މަސްވެރިކަން ހީނަރުވަމުން ދާކަމަށް ބާޝިރު ވިދާޅުވިއެވެ.

ސަރުކާރުގެ ތެރެއިން މަސްވެރިންނަށް ހަމައަގު ލިބޭނެ ގޮތެއް މެދުވެރިވުމަކީ، މިކަމަށް އޮތް ހައްލު ކަމަށް ބާޝިރު ވިދާޅުވިއެވެ. މަސްވެރިކަމުގައި ޒުވާނުންވެސް ހަަރަކާތްތެރިވާ ގާފަރުގައި، ކުރިއާ އަޅައި ބަލާއިރު ޒުވާނުން މިހާރު ހަރަކާތްތެރިވާ މިންވަރު ވަރަށް ބޮޑުތަން ދަށަށް ގޮސްފިއެވެ. އެއީ ތެލުގެ އަގު ބޮޑުވުމާއި މަސް ގަންނަ އަގު ދަށްވުމުގެ ސަބަބުން ލިބޭ އާމްދަނީ މަދުވުމުން ކަމަށް ބާޝިރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!