ނިއުޒިލޭންޑުގައި ބޮޑުމަހެއްގައި ޖެހި ބޯޓެއް ބަންޑުން ޖަހާލި ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެއެވެ. ބަންޑުން ޖަހާލާފައިވަނީ ކުޑަ ޗާޓަރު ބޯޓެކެވެ. މި ބޯޓުން ދަތުރުކުރި އިތުރު ހަ މީހެއް ވަނީ ސަލާމަތް ކޮށްފައެވެ.
8.5 މީޓަރު (28 ފޫޓް)ގެ ބޯޓު ބަންޑުން ޖަހާލީ ކެއިކޯރާގެ ސައުތު އައިލެންޑު ޓައުން ކައިރިންނެވެ. ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުޤީގު ކުރަމުންނެވެ. ފުލުހުންވަނީ މަރުވި ހުރިހާ މީހުންގެ ހަށިގަނޑު، ފީނައިގެން ހޯދާފައެވެ. އަދި މި ހާދިސާގައި ސަލާމަތްވި ހަ މީހުންނަށް ދަނީ ސިއްހީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ފަސް މީހެއްގެ ހާލު ރަނގަޅެވެ. އެކަކު ވަނީ އިތުރު ފަރުވާއަށް ކްރައިސްޓްޗާޗުގެ ހޮސްޕިޓަލަކަށް ފޮނުވާލާފައެވެ. އެމީހާގެ ހާލުވެސް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކެއިކޯރާގެ މޭޔަރ ކެއިޖް މެކަލް އެސޯސިއޭޓް ޕްރެސްއަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު ކަނޑު އޮތީ ވަރަށް ރީތިކޮށް ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި ބޮޑުމަސް ފެންމައްޗަށް އަރާފައިވަނީ ބޯޓާއި ދިމާ އަޑިން ކަމަށާއި މިއާ އެކު ބޯޓު ބަނޑުން ޖަހާލީ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކެއިޖް ބުނެފައިވެއެވެ.
ކެއިޖް ބުނީ ހާދިސާ ހިނގި ބޯޓަކީ، ކުއްޔަށް ނަގައިގެން މަސް ދަތުުރުތަކުގައި ބޭނުން ކުރާ ބޯޓެއް ކަމަށެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބީ ދޫނި ބަލަން ޝައުގުވެރިވާ ގުރޫޕެއްގެ ބަޔަކު ކަމަށް ބައެއް ހަބަރުތަކުގައި ބުނެފައިވެއެވެ.